ޔާމީން ރަޝީދުގެ މަރުގެ ދައުވާއަށް ހަތަރު މީހަކު އިންކާރުކޮށްފި

ޔާމީން ރަޝީދު މަރާލި ކަމަށް ތުހުމަތު ކުރެވޭ އިސްމާއިލް ހައިޝަމް ރަޝިދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހަކު، ދައުވާއަށް އިންކާރުކޮށްފި އެވެ.

މިއަދު ހަވީރު ކްރިމިނަލް ކޯޓުގައި ސިއްރުން ބޭއްވި އަޑުއެހުމުގައި ދައުވާ އަށް އިންކާރުކޮށްފައި ވަނީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު އާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް އާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން އާއި މ. ކުދެހިގޭ ހަސަން ޝިފާޒްއެވެ.

ދައުވާ ލިބޭ މ. ތާއިފް އިސްމާއިލް ރަޝީދު އާއި މ. ކޮޅުފުށި، އީސްޓް ހުސައިން ޒިޔާދުގެ ވަކީލުން ވަނީ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެފައެވެ.

އިސްމާއިލް ރަޝީދު އާއި ޒިޔާދުގެ ވަކީލުން ވިދާޅުވީ ޔާމީން ރަޝީދު މަރާލުމަށް އެ ދެ މީހުން ކުރީ ކޮން އަމަލެއްކަން ދައުވާ އިން އެނގެން ނެތް ކަމަށެވެ.

ޔާމީން ރަޝީދު މަރާލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.

އެ ހަ މީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. މިއަދުގެ އަޑުއެހުމުގައި ވަކީލުން ވަނީ ކުރިން ބޭއްވި އަޑުއެހުމެކޭ ވެސް އެއްގޮތަށް އެ މައްސަލާގައި ދިފާއީ ގޮތުން ލިބެންޖެހޭ ހުރިހާ ލިޔުންތައް ލިބިފައިނުވާ ކަމަށް ބުނެ ޝަކުވާކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނީ ސިއްރު ކުރަން ނިންމާފައި ވަނީ އެ މައްސަލައިގެ ބައެއް އަޑުއެހުންތައް ކަމަށެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ޔާމީން ރަޝީދު މަސައްކަތް ކުރާ އޮފީހުން ގެޔަށްދިޔުމަށް ނުކުމެފައި ވަނީ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ 2:23 ހާއިރު ކަމަށެވެ.

ޔާމީން ރަޝީދު އޮފީހުން ނުކުމެގެން ގޮސް ޣާޒީ ބިލްޑިންގެ އިރުމަތީ ގޯޅިން އަމީރު އަހުމަދު މަގަށް އެޅުމާ ހަމައަށް ދެ މީހަކު އޭނާގެ ފަސް ފަހަތުން ފާރަވެރިވަމުން ތިން ނަންބަރު ފާލަމާ ހަމައަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޣާޒީ ބިލްޑިންގެ އިރުމަތީ ގޯޅިން ޔާމީން ރަޝީދު އެޅުމުން އެ ދެ މީހުން އެނބުރި އައިކޮޅަށް ބޮޑުތަކުރުފާނު މަގުން އިރަށްގޮސް މަސްވެރިންގެ ޕާކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި އެވަގުތު އެ ދެ މީހުންގެ ތެރެއިން އެކަކު ފޯނުން މުއާމަލާތް ކުރަމުންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ރޭ މެންދަމު 2:34 ހާއިރު އެމީހުންގެ ތެރެއިން ހައިޝަމާއި ޒިހާން އަދި އިސްމާއިލް ރަޝީދު ސައިކަލްގައި ގޮސް ޔާމީން ރަޝީދު ދިރިއުޅޭ މ. ސްޕެޓިއުލާގޭގެ ކައިރިއަށް މަޑުކުރުމަށްފަހު ހައިޝަމާއި ޒިހާން އެގެއަށް ވަދެފައިވާ ކަމަށެވެ. އަދި އިސްމާއިލް ރަޝީދު އެގޭގެ ކައިރީ މަގުމަތީ މަޑުކޮށްގެން ހުރި ކަމަށާއި އޭނާގެ ދައުރަކީ އަނެއް ދެ މީހުންނަށް ބޭރުގެ ހާލަތު ބުނެދިނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުން ޔާމީން ރަޝީދު ދިރިއުޅޭގެއަށް ވަންއިރު އޭނާ ވަނީ ޗާންދަނީމަގު ކެނެރީމަގާ ހިސާބުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދު ގެއަށް ވަދެފައި ވަނީ އެރޭ 2:46 ހާއިރު ކަމަށެވެ. ޔާމީން ރަޝީދަށް ހަމަލާދީފައި ވަނީ ގެއަށްވަނުމަށް ލިފްޓު ހުޅުވި ވަގުތު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އޭނާ އަށް ހަމަލާދިނީ ހައިޝަމާއި ޒިހާން ކަން ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމަށާއި އެ މަންޒަރު ވަނީ ސީސީޓީވީ ކެމެރާ އަށް ރެކޯޑު ކުރެވިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔާމީން ރަޝީދަށް ހަމަލާދިނުމަށްފަހު އެ ތިން މީހުން އެކުގައި ބޮޑުތަކުރުފާނު މަގު އެއް ނަންބަރު ކުނިކޮށްޓާ ހަމައަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންނަކީ އެކަށީގެންވާ ވަރަށް ކިޔަވައިގެން ތިބިނަމަވެސް ދީނީ ގޮތުން ބަސް ބުނެވޭ ވަރުގެ އެއްވެސް ރަސްމީ އިލްމެއް ލިބިފައިވާ ބައެއް ނޫން ކަމަށެވެ.

އެ މީހުން ގަބޫލު ކުރާ ގޮތުގައި ޔާމީން ރަޝީދަކީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހެއް ކަމަށާއި އެމީހުންނަކީ ދީނަށް ފުރައްސާރަކުރާ މީހުން ބަލައިގަންނަ ބައެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް