ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ސައޫދީގައި ހައްޔަރުކޮށްފި

ޔަމަންގެ ރައީސް ހާދީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާއެކު

ރިޔާޒް (ނޮވެމްބަރު 7): ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ސައޫދީގައި ހައްޔަރުކޮށްފި ކަމަށް ޚަބަރު ލިބިއްޖެއެވެ.

ނަން ހާމަކުރަންނެދޭ ސައޫދީ އަމަނާބެހޭ އިސް މަސްއޫލުވެރިއަކާ ހަވާލާދީ އެމެރިކާގެ މަޝްހޫރު "ވޮޝިންޓަން ޕޯސްޓް" ބުނިގޮތުގައި ސައޫދީ މަސްއޫލުވެރިން ހާދީ ދެކެ ކޯފާވެގެން، ހާދީ ވަނީ އޭނާ ހުންނަވާ ގެސްޓްހައުސްގައި ގޭބަންދުކޮށްފައެވެ.

ހާދީގެ ސަރުކާރަކީ ސައޫދީ ސަރުކާރުގެ ބެލުމުގެ ދަށުން ރިޔާޒްގައި ހިންގާ ސަރުކާރެކެވެ. އެއީ ސައޫދީ ގޮނޑިކޮށްކޮ ސަރުކާރެއް ކަމަށް ޔަމަންގެ އިދިކޮޅު ހޫޘީންނާއި ކުރީގެ ރައީސް އަލީ ސާލިހް ތުހުމަތު ކުރައްވައެވެ.

ހޫޘީންނާ ދެކޮޅަށް ސައޫދީން އިސްވެ އޮވެގެން ހަނގުރާމަ ކުރާއިރު ހާދީ އާއި އޭނާގެ ވަޒީރުން ތިއްބަވަނީ ސައޫދީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ.

ސައޫދީ ސަރުކާރުން ގެންދަނީ ޔަމަންގެ ހޫޘީންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކުގެ ކިބައިން ހާދީގެ ސަރުކާރު ހިމާޔަތް ކުރުމަށްޓަކައި އެ ދެފަރާތާ ދެކޮޅަށް ހަނަގުރާމަ ކުރަމުންނެވެ. މިހަނގުރާމައަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ފަންސާސް މިލިޔަން ޑޮލަރު ސައޫދީން ހޭދަކުރާކަމަށް ވެއެވެ. މިހަނގުރާމައަށް ދެއަހަރުވެފައިވާއިރު ސައޫދީއާއި ޔޫއޭއީގެ ވައިގެ ހަމަލާތަކުގައި ޔަމަން ވަނީ މުޅިން ފުނޑުފުނޑުވެ ވީރާނާވެފައެވެ. އަދި ޔަމަންގެ ރައްޔިތުންގެ ގިނަބަޔަކު ބަނޑަށްޖެހި ކޮލެރާއާއި ތަފާތު ބަލިތަކާއި ރޯގާތަކުގެ ޝިކާރައަކަށްވަނީ ވެފައެވެ.

ސައޫދީންގެ ކޮމާންޑްގެ ދަށުން އަރަބި ކޯލިޝަން، ޔަމަންގައިކުރާ ހަނގުރާމައަށް ދެއަހަރުވެފައި ވީނަމަވެސް ހޫޘީންނާއި އަލީ ސާލިޙްގެ ބާރުތައް ބަލިކުރުމުގައި އަރަބި ކޯލިޝަންވަނީ ނާކާމިޔާބުވެފައެވެ. އަދި ހޫޘީންނާއި އަލީ ސާލިޙްގެ ބާރުތަކުގެ ކިބައިން ޔަމަންގެ ވެރިރަށް ސަންއާވެސް މިނިވަން ކުރެވިފައެއް ނުވެއެވެ.

ޔަމަންގައި ހަނގުރާމަކުރާ ސައޫދީ- އަރަބި ކޯލިޝަންގައި ހިމެނޭ ޔޫއޭއީ ޔަމަންގައި ގެންގުޅެނީ މުޅިން އެހެން އެޖެންޑާ އެއްކަމުން މިއީވެސް ހަނގުރާމަ ކާމިޔާބު ކުރުމުގައި ސައޫދީންނަށް ކުރިމަތިވެފައިވާ މައްސަލަ އެކެވެ.

ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ސައޫދީގައި ހައްޔަރުކޮށްފައި މިވަނީ ހޫޘީން ފޮނުވާލި ދުރުރާސްތާގެ ބަލިސްޓިކް މިސައިލެއް ސައޫދީ ވެރިރަށް ރިޔާޒްގެ އެކަހެރި ހިސާބަކަށް އެރުމާ ގުޅިގެންނެވެ. އެ މިސައިލް ވައިގެ ތެރެއިން ގޮއްވާލިކަމަށް ސައޫދީ އަސްކަރީ ބަޔާނެއް ބުނިނަމަވެސް އެމިސައިލް ރިޔާޒްގެ ކައިރީ ހިސާބަކަށް ވެއްޓިފައިވާ ކަމުގެ ވަރަށް އިތުބާރު ހުރި މައުލޫމާތުތަކެއް ވަނީ މީޑިޔާއިން ހާމަވެފައެވެ.

ހޫޘީންގެ މިސައިލްއަކީ ހޫޘީންނާއި ސައޫދީންގެ ހަނގުރާމައިގާ ހޫޘީން ހޯދި ވަރަށް ބޮޑުކުރިއެރުމެއްކަމަށް އަސްކަރީ މާހިރުން ވިދާޅުވެއެވެ. މިމައްސަލާގައި ސައޫދީ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ޔަމަނަށް ސައޫދީން ނާއި ޔޫއޭއީން ހަމަލާދޭނަމަ އަދި ޔަމަނުން ނުފައިބާނަމަ ސައޫދީ އެއާޕޯޓްތަކަށާއި ސައޫދީގައިވާ މުހިއްމު އިގްތިސާދީ މަރުކަޒުތަކަށް ދުރުރާސްތާގެ ބަލިސްޓިކް މިސައިލުން ޙަމަލާދޭނެކަމުގެ އިންޒާރު ހޫޘީންނާއި އަލީ ސާލިޙްގެ ބާރުތަކުންވަނީ ދީފައެވެ.

ޔޫއޭއީ އާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން ދުބާއި އަށާއި އަބޫދަބީ އަށްވެސް ދުރުރާސްތާގެ މިސައިލުން ހަމަލާދޭނެކަމުގެ އިންޒާރު ހޫޘީންނާއި އަލީ ސާލިޙްގެ ބާރުތަކުންވަނީ ދީފައެވެ. ޔަމަންގެ ސިފައިން ތިބީ ކުރީގެ ރައީސް އަލީ ސާލިޙްގެ ކޮންޓްރޯލްގެ ދަށުގައެވެ. އެހެންކަމުން ޔަމަން ސިފައިންގެ ހަތިޔާރުތައްވެސް ވަނީ އަލީ ސާލިހްގެ ބާރުގެ ދަށުގައެވެ.

ހޫޘީންގެ މިސައިލް ހަމަލާއާ ގުޅިގެން ސައޫދީން ވަނީ ޔަމަންގެ ހުރިހާ ބަނދަރުތަކާއި ސަރަހައްދީ ރޮނގުގެ ގޭޓްތަކެއް ބަންދުކޮށްފައެވެ. މިއީ އީރާނުން ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދީފާނެ ކަމުގެ ބިރަށް ކަމަށް ސައޫދީން ބުނެއެވެ. ނަމަވެސް މިފިޔަވަޅުގެ ސަބަބުން ޔަމަންގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ޔަމަނަށް އެތެރެކުރެވޭނެ ގޮތެއް ނެތްކަމާއި މިގޮތަށް އަމަލުކޮށްފިނަމަ ޔަމަންގެ އެތަށް ހާސް ބަޔަކު ހައިހޫނުކަމުގައި މަރުވެދާނެ ކަމުގެ އިންޒާރު އދ. ންވަނީ ދީފައެވެ.

ހޫޘީންގެ މިސައިލް އަކީ ޒަމާނީ ޓެކްނޮލޮޖީގެ މިސައިލެއް ކަމުން މިއީ އީރާނުން ހޫޘީންނަށް ފޯރުކޮށްދިން މިސައިލް ޓެކްނޮލޮޖީގެ ސަބަބުން ހޫޘީންނަށް ލިބުނު ކުރިއެރުމެއްކަމަށް ސައޫދީންވަނީ ތުހުމަތުކޮށްފައެވެ. މިފަދަ މިސައިލް ހަމަލާތައް ހޫޘީން ސައޫދީއަށް ދޭނަމަ ސައޫދީ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމާއެކު ސައޫދީ އަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

މިމައްސަލާގައި ސައޫދީ އާއި އީރާނާ ދެމެދުދަނީ ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ. މެދުއިރުމަތީގައި މިސައިލް ޓެކްނޮލޮޖީ ގެ ގާބިލްކަން ހުރި ހަމައެކަނި ދެގައުމަކީ އީރާނާއި އިސްރާއީލެވެ. ނަމަވެސް ޔަމަން ސިފައިންގެ ހަތިޔާރު ގުދަންތަކުގައި ރަޝިޔާގެ މިސައިލް ތައް ހުންނާނެ ކަމަށާ އެމިސައިލްތައް ހޫޘީންގެ ކޮންޓްރޯލްގެ ދަށަށް ދިޔުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ސައޫދީ ޚާރިޖީ ވަޒީރު ވަނީ ހޫޘީން ސައޫދީއަށް ދިން ދުރުރާސްތާގެ ބަލިސްޓިކް މިސައިލަކީ ލުބްނާނުގެ ހިޒްބުﷲ ފަހަތުގައި އޮވެގެން ދިން މިސައިލް ހަމަލާއެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް