ދިވެހިރާއްޖޭން ހައްޖަށާއި ޢުމްރާއަށް ދާ ފަރާތްތަކަށް، ވިސާ ދޫކުރުމުގައި، ސައުދީ އެއާލައިނުން ދަތުރުކުރާ ފަރާތްތަކަށް ވިސާ ދިނުމަށް ކުރިން ކަނޑައެޅި ނަމަވެސް މިހާރު އެ އުސޫލު ބަދަލުކޮށްފައި ވާ ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނެފިއެވެ.
ނިމިދިޔަ އޮކްޓޫބަރު މަހުގެ ފަހު ކޮޅު، ސައުދީ އެމްބަސީން ބައެއް ޓްރެވަލް އޭޖެންޓުންނަށް ފޮނުވި، ސިޓީއެއްގައި ވަނީ، ރާއްޖޭން ހައްޖަށާއި އުމްރާއަށް ދާ ފަރާތްތަކުގެ ތެރޭން 50 އިންސައްތަ މީހުންނަށް ވިސާ ހަމަޖައްސައި ދޭނީ ސައުދީ ގައުމީ އެއާލައިނުން ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ. އަދި ބާކީ 50 އިންސަތަ މީހުން ވާން ޖެހޭނީ ރާއްޖޭގެ ގައުމީ އެއާލައިނުން ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ.

ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް މިއަހަރު ރާއްޖޭން ހައްޖަށް ދިޔަ ބައެއް މީހުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
އެހެން ނަމަވެސް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ސައޫދީއަށް ދަތުރު ނުކުރާތީ، ހުރިހާ ވިސާއެއް ދޫކުރަން ހަމަޖެހިފައި ވަނީ ސައޫދީ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ކަމަށް ވުމުން މިއީ ރާއްޖޭން ހައްޖަށާއި އުމްރާއަށް ދާ ފަރާތްތަކަށް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމެއްކަން ސައުދީ އެމްބަސީން ފަހުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ޓްރެވަލް އޭޖެންސީތަކަށް ފޮނުވި ސިޓީ --
އަވައްޓެރި ސްރީ ލަންކާއިން ހައްޖަށާއި އުމްރާއަށް ދާ ފަރާތްތަކަށް ވެސް، ވިސާ ދޫކުރަނީ، ސައުދީ އެއާލައިނުން ދަތުރުކުރާ ފަރާތްތަކަށާއި ސްރީ ލަންކާގެ ގައުމީ އެއާލައިން ސްރީ ލަންކަންއިން ދަތުރުކުރާ ފަރާތްތަކަށެވެ.
ސައުދީ އެމްބަސީގެ އޮފިޝަލަކު ސަންއަށް ވިދާޅުވީ، ރާއްޖޭން ހައްޖަށާއި އުމްރާއަށް ދާ ފަރާތްތަކަށް ވިސާ ދޫކުރުމުގައި ކުރިންވެސް އަމަލުކުރަމުން އައި ގޮތަށް އަމަލުކުރަން އެމްބަސީން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުސްވި ހަފްތާގައި ސައުދީ އެމްބަސީން ވަނީ ބައެއް ޓްރެވަލް އޭޖެންސީތަކަށް ސިޓީއެއް ފޮނުވައިފައެވެ.
"ހުރިހާ އެއާލައިންތަކެއްގެ ފަސިންޖަރުންނަށް ވެސް އުމްރާ އަދި ހައްޖަށް ދިއުމަށް ވިސާ ދޫކުރާނެ. މިނޫން ގޮތަކަށް ހައްޖާއި އުމްރާގެ ވިސާ ޕޮލިސީއަށް ބަދަލެއް އަތުވެއްޖެ ނަމަ އެކަން އަންގާނެ،" ސައުދީ އެމްބަސީން އޮކްޓޫބަރު 29 ވަނަ ދުވަހު ރާއްޖޭގެ ބައެއް ޓްރެވަލް އޭޖެންސީތަކަށް ފޮނުވި ސިޓީގައިވެއެވެ.

މިއަހަރު ރާއްޖޭން ހައްޖަށްދިޔަ މީހުންގެ ތެރޭން ގިނަ ބަޔަކު އެކި އެއާލައިންތަކުން ސައުދީއަށް ދިޔަ ނަމަވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުން ދަތުރުކުރީ ސައުދީ އެއާލައިންގައެވެ. އެއީ ހައްޖު ކޯޕަރޭޝަނާ ސައުދީ އެއާލައިނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާއިން މާލެއާއި ޖިއްދާއާ ދެމެދު ސީދާ ދަތުރުތައް ފަށާފައި ވަނީ، މިއަހަރުގެ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭގެ ކުރީން މާރިޗް މަހުގެ 30 ވަނަ ދުވަހު ސައުދީ އެއާލައިނުން ވަނީ، ސައުދީ ވެރިރަށް ރިޔާދާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފައެވެ.