އަންނަ އަހަރުގެ ޙައްޖަށް ޚާއްސަކޮށް، ޙައްޖު އެއްބަސްވުމުގައި ރާއްޖޭގެ އިސްލާމިލް މިނިސްޓްރީއާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ޙައްޖުގެ އަޅުކަމަށް ސައުދީއަށްދާ ހުރިހާ ގައުމަކުން ކޮންމެ އަހަރަކު ވެސް ސޮއިކުރާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ޙައްޖު މޫސުމުގައި ކަންކަން ކުރިއަށްދާނެ ގޮތުގެ އުސޫލުތައް ހިމަނާފައި ހުންނާނެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ޙައްޖު އެއްބަސްވުމުގައި ސައުދީއާއެކު ސޮއިކޮށްފައިވާ ކަަމަށް ބުނެފައެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުޙައްމަދު ސައީދެވެ. އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޙައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލްފައްތާޙް މަޝާތެވެ.
https://x.com/MVIaffairs/status/2121410755782430889
މި އެއްބަސްވުމުގެ ދަށުން ޙައްޖުގެ ޚިދުމަތަށް ފައިސާ ދައްކާނެ ގޮތާއި، ރާއްޖޭގައި ޙައްޖުގެ ޚިދުމަތްދޭ ކުންފުނިތަކުން ޚިދުމަތް ދޭންޖެހޭ ގޮތްތައް ކަނޑައަޅާނެއެވެ. އަދި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި، ރާއްޖޭގެ ޙައްޖު މިޝަން ގާއިމްކުރުންފަދަ ކަންކަން ވެސް އެއްބަސްވުމުގައި ހިމަނައިފައިވެއެވެ.
ކަލަންޑަރުން ދައްކާ ގޮތުގައި، އަންނަ އަހަރުގެ ޙައްޖު ދިމާވަނީ މެއި މަހުގެ މެދުތެރެއަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހައްޖު ކޯޕަރޭޝަނުން މިދިޔަ ހަފުތާގައި ވަނީ، މިހާރު ނަން ނޯޓުކޮށްގެން ހައްޖަށް ދެވޭނީ މީގެ 17 އަހަރު ފަހުން، 2043 ވަނަ އަހަރު ކަމަށް ބުނެފައެވެ.
ހައްޖު ކިޔޫ ދިގުވެ، ހައްޖަށް ދާން އެތައް އަހަރެއް ވަންދެން މަޑު ކުރަން ޖެހުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ސަޢޫދީ ސަރުކާރުން ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް އާންމު ގޮތެއްގައި ދޫކުރަނީ އަހަރަކު 1،000 މީހުންގެ ޖާގައެވެ.