މޯބައިލް ފޯނުން ކްރެޑިޓް ހުސްވެގެން، "ރާސްޓަސް"، ނުވަތަ "ރީލޯޑް"ކޮށްލަން ޖެހޭވަގުތު، އެ ޚިދުމަތް ދޭ ފިހާރަ ބަންދުކޮށްފައި ހުރެއްޖެ ނަމަ ބައެއް ފަރާތްތަކަށް އެއީ ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. ކުޑަ ވަގުތުކޮޅެއް ނަމަވެސް އެއީ ދިގު އިންތިޒާރަކަށް ވެދެއެވެ.
ހާސް ނުވާށެވެ. ފޯނަށް ލާރިއަޅަން އެގޮތަށް ކޮޅުކޮޅަށް ދުވަންޖެހުނު ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.
ދިވެހި ޒުވާން ދެ ޑިވެލޮޕަރަކު ގުޅިގެން މިވަނީ، "ފަހިޕޭ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދައިފައެވެ. އަދި އެ ކުންފުނީގެ ދަށުން "ފަހިޕޭ"ގެ ނަމުގައި މޮބައިލް އެޕްލިކޭޝަނަކާއި ވެބްސައިޓެއްގެ ޚިދުމަތް ފަށައިފައެވެ.
"ފަހިޕޭ"ގެ ފުރަތަމަ ލޯންޗުކުރީ "އެންޑްރޮއިޑް އެޕްލިކޭޝަން"އެވެ. އަދި މިހާރު ވަނީ "އައިފޯން އެޕްލިކޭޝަން"ވެސް ރިލީޒް ކޮށްފައެވެ.
"ފަހިޕޭ" އުފެއްދި ދެ މޭސްތިރީން ބުނީ، " މިއީ ބޮޑު ޕްރޮޖެކްޓެއްގެ ކުޑަކުޑަ ތަންކޮޅެއް" ކަމަށެވެ. އަދި "މިއީ ބޮޑު ޕްރޮޖެކްޓެއްގެ ފެށުމެއް،" ކަމަށެވެ.
މިޚިދުމަތް ދޭ އެހެން ފަރާތްތަކާއި ޚިލާފަށް، ފަހިޕޭ މެދުވެރިކޮށް ކުރާ 50ރ އިން ފެށިގެން މަތީގެ ރީލޯޑް/ރާސްޓަސްތަކަށް ބޯނަސް ޕޮއިންޓް ލިބޭ ސްކީމެއްވެސް ފަހިޕޭއިން ވަނީ ތައާރަފް ކޮށްފައެވެ. މި ސްކީމުގައި ބައިވެރިވެގެން ލިބޭ ޕޮއިންޓްތައް ރެޑީމްކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތުވެސް ފަހިޕޭއިން ވަނީ ފަހިކޮށްދީފައެވެ.
ފަހިޕޭގެ ޚިދުމަތް ތައާރަފްކުރިތާ ގާތްގަނޑަކަށް ތިން މަސް ދުވަސް ވެފައިވާއިރު، އެ ކުންފުނިން، ފޯރުކޮށްދެނީ ހަމައެކަނި، ދިރާގާއި އޫރިދޫގެ ޕްރިޕެއިޑް ނަންބަރުތައް "ޓޮޕްއަޕް"ކުރުމުގެ ޚިދުމަތެއް ނޫނެވެ.
ފަހިޕޭއިން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކުގެ ތެރޭގައި، ޕެކޭޖް ރީޗާޖް، ބިލްޕޭ އަދި އެމްފައިސާ ކޭޝްއިންގެ ޚިދުމަތް ހިމެނެއެވެ.
ފަހިޕޭގެ މެނޭޖިންގ ޑިރެކްޓަރު އަލީ އާރިފް ވިދާޅުވީ، ދިރާގާއި އުރީދޫއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، "ފަހިޕޭ"ގެ ޚިދުމަތް ކުރިއަށް ގެންދާއިރު، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްވެއް ހަލުއި ސްޕީޑެއްގައި ކުރިއަށް ދާކަމަށެވެ.