ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ސަރުކާރުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ!

ސައޫދީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާން

ރިޔާޒް (ނޮވެމްބަރު 5): ކޮރަޕްޝަނުގެ ތުހުމަތުގައި ސައޫދީ ޝާހީ އާއިލާގެ އެގާރަ އަމީރުންނާއި މިހާރުގެ ވަޒީރުންގެ ތެރޭގައި ހިމެނޭ ހަތަރު ބޭފުޅަކާއި ވަޒީރުކަން ކުރިން ކޮށްފައިވާ ސައޫދީ މަތީ ފަންތީގެ ގިނަ އަދަދެއްގެ ބޭފުޅުންތަކެއް ހައްޔަރުކޮށްފި ކަމަށް ޚަބަރު ލިބިއްޖެއެވެ.

ސައޫދީ ރަސްމީ މީޑިޔާއިން ބުނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމަށާ ފިޔަވަޅު އަޅާއިރު އެއީ ކޮންފެންވަރެއްގެ ބައެއްކަން ނުބަލާނެކަމުގައެވެ.

ސައޫދީގައި ކުރިން މިފެންވަރުގެ ބޭފުޅުން ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރުމަކީ ހުވަފެނެއް ފަދަ ކަމެކެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދާދިފަހުންވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އެންޓި ކޮރަޕްޝަނާބެހޭ ޚާއްސަ ކޮމިޓީއެއް އުފައްދަވައި އެކޮމިޓީއަށް ބޮޑެތި ބާރުތަކެއް ދިނުމުގެ ޝާހީ އަމުރެއް ނެރުއްވާފައެވެ. މިއާއެކު އެކޮމިޓީ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފަށާފައެވެ. އެ ކޮމިޓީގެ އިސް ވެރިއަކީ ރަސްގެފާނުގެ ދަރިކަލުން އަދި ވަލީއުލް އަހްދު މުހައްމަދު ބިން ސަލްމާން އެވެ.

މީގެކުރިންވެސް ސައޫދީގައި އެންޓި ކޮރަޕްޝަން އާބެހޭ އިދާރާއެއް އޮވެއެވެ. ނަމަވެސް އެއީ މާބޮޑު ބާރުތަކެއް ލިބިދޭ އަދި އެކަށީގެންވާ ގޮތަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާއެއް ނޫނެވެ.

ސައޫދީ އިދިކޮޅު ފަރާތްތައް ބުނާގޮތުން އަލަށް އުފެއްދި އެންޓި ކޮރަޕްޝަނާބެހޭ ޚާއްސަ ކޮމިޓީ އަކީ ސައޫދީ ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާން ރަސްކަމަށް އިސްވެ ވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގަންނަވަމުންދާތީ ޝާހީ އާއިލާގައި ތިއްބަވާ އޭނާއާ އިދިކޮޅު އަމީރުންނާއި އޭނާ އާ ދެކޮޅަށް މަސައްކަތް ކުރައްވަފަނެ ކަމަށް ބެލެވޭ ސަރުކާރުގެ އިސް ބޭފުޅުންނާއި އަދި އޭނާއާ އިދިކޮޅު އެހެން ނަމަވެސް ސައޫދީގައި ނުފޫޒުގަދަ ބޭފުޅުން ހައްޔަރުކޮށް އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުފެއްދި ކޮމިޓީއެކެވެ.

ދާދިފަހުން ސައޫދީ ސަލާމަތީ ބާރުތަކުންވަނީ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި ދާއިޔާއިންނާއި އެނޫންވެސް ބައެއް އިލްމީ ފަރާތްތައް ހައްޔަރުކޮށްފައެވެ. (ނޫސް އެޖެންސީތައް)

comment ކޮމެންޓް