631 ރެޖިސްޓާޑް ނަރުހުން ހޯދަން އިއުލާން ކޮށްފި

އައިޖީއެމްއެޗްގެ ބައެއް ނަރުހުން: ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލް އަދި މަރުކަޒުތަކަށް 631 ނަރުހުން ހޯދަން ވަނީ އިއުލާން ކޮށްފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީ އޮފް ހެލްތުން 631 ރެޖިސްޓާޑް ނަރުހުން ހޯދަން އިއުލާން ކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރެޖިސްޓަޑް ނަރުހުން ހޯދަނީ މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ކަމަށެވެ.

މި ވަޒީފާގެ މުސާރައަކީ 5610 ރުފިޔާ އެވެ. ސާވިސް އެލަވެންސްގެ ގޮތުގައި 2500 ރުފިޔާ ލިބޭނެ ކަމަށާއި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގެ ތެރެއިން އެ މިނިސްޓްރީން ކަނޑައާޅާ ލިސްޓުގައިވާ ތަންތަނުގެ ތެރެއިން އެ މީހަކު އެދޭ ތަނެއްގަ އެވެ.

މި މަގާމަށް އެދި ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ 13:30ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު، އެ ފަރާތަކުން ވަޒީފާއަށް ނުކުންނަށް އެދޭ ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް ހުށަހަޅަން ޖެހެ އެވެ.

comment ކޮމެންޓް