ކެތަލޯނިއާގެ ކުރީގެ ރައީސް ހައްޔަރު ކުރަން އަމުރު ނެރެފި

ބެލްޖިއަމްގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ޕުޖިޑެމޮން ވަނީ ސްޕެއިންގައި ހައްޔަރުކޮށްފައިވާ ކުރީގެ މިނިސްޓަރުން ދޫކޮށްލުމަށް ގޮވާލައްވާފަ -- ފޮޓޯ: ރޮއިޓާސް

މެޑްރިޑް (ނޮވެމްބަރު 4): ކެތަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖިޑެމޮން ހައްޔަރު ކުރަން ސްޕެއިންގެ ކޯޓަކުން ޔޫރަޕިއަން އަރެސްޓް ވޮރެންޓް (އީއޭޑަބްލިއު) އެއް ނެރެފި އެވެ.

ޕުޖިޑެމޮން އާއި އޭނާއާ އެކު ބެލްޖިއަމްއަށް ވަޑައިގަތް ކެތަލޯނިއާގެ ކުރީގެ ހަތަރު މިނިސްޓަރަކު ހައްޔަރު ކުރަން ކޯޓުން ބައިނަލްއަގުވާމީ އަމުރެއް ނެރުނީ ބުރާސްފަތި ދުވަހު ސްޕެއިންގެ ހައި ކޯޓުގައި އޮތް މައްސަލައަކަށް އެބޭފުޅުން ހާޒިރު ނުވުމުންނެވެ. އެމައްސަލައިގައި ކޯޓަށް ހާޒިރުވި ނުވަ މިނިސްޓަރުން ވަނީ ގައުމުން ފިއްލަވާފާނެތީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެއް އޮފިޝަލަކު ވަނީ ކަފާލާތުގެ ގޮތުގައި 58،000 ޑޮލަރު ދެއްކުމުން ދޫކޮށްލާފަ އެވެ.

ޕުޖިޑެމޮން އާއި ކެތަލޯނިއާގެ ކުރީގެ ސަރުކާރުގެ އެހެން އޮފިޝަލުންގެ މައްޗަށްކޮށްފައި ވަނީ ބަޣާވާތް ކުރުމާއި، ބަޣާވާތަށް ހިތްވަރު ދިނުމާއި، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުތަކެވެ. އަދި އެ މައްސަލާގައި ކޯޓުން އެމީހުންގެ މައްޗަށް ދައުވާކޮށް، ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް 30 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

އޭގެ ސަބަބުން ޕުޖިޑެމޮން ވަނީ އިންސާފުވެރި ޝަރީއަތެއް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ނުލިބޭ ނަމަ އަނބުރާ ގައުމަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސްޕެއިންގެ ކޯޓުން މިހާރު ވަނީ ޕުޖިޑެމޮން ހައްޔަރު ކުރުމަށް ނެރުނު އަމުރު ބެލްޖިއަމްގެ ޕްރޮސިކިއުޓަރުންނަށް ފޮނުވާފަ އެވެ. އަދި އެއީ ސައްހަ އަމުރެއްތޯ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ނިންމުމަށް ފަހު، ޕްރޮސިކިއުޓަރުން އެ އަމުރު ފޮނުވާނީ ބެލްޖިއަމްގެ ފަނޑިޔާރަކަށެވެ. އެއަށް ފަހު ޕުޖިޑެމޮން އާއި ކެތަލޯނިއާގެ ކުރީގެ މިނިސްޓަރުން ހައްޔަރު ކުރާނެކަން ނިންމާނީ އެފަނޑިޔާރެވެ.

އީއޭޑަބްލިއުއެއް ނެރުމުން އެއަށް އަމަލު ނުކުރުމަށްވެސް ބެލްޖިއަމްއަށް ނިންމިދާނެ އެވެ. އެގޮތުން އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އެހެން ގައުމަކާ ހަވާލު ކުރުމުން އޭނާގެ ހައްގުތަކަށް އަރައިގަނެވޭ ކަމަށް ބެލެވޭ ނަމަ އީއޭޑަބްލިއުގައިވާ ގޮތަށް އަމަލު ކުރާކަށް ނުޖެހޭނެ އެވެ. އަދި އަމުރު ނެރުނު ގައުމުން ސިޔާސީ ތަފާތު ކުރުން ގެންގުޅޭ ކަމަށް ގަބޫލު ކުރެވޭ ނަމަ އާއި ތުހުމަތު ކުރެވޭ މީހާއަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ ކަމުގެ ބިރު އޮތްނަމަ އޭނާ އެގައުމާ ހަވާލު ކުރަން ދެކޮޅު ހެދިދާނެ އެވެ.

މިދިޔަ މަހުގެ 27ގައި މިނިވަންކަން އިއުލާން ކުރި ކެތަލޯނިއާގެ ސަރުކާރުގެ އިސް އޮފިޝަލުން މަގާމުން ދުރުކުރުމަށް ފަހު، ސްޕެއިން ސަރުކާރުން ވަނީ އެސްޓޭޓުގެ މައްޗަށް ފުރިހަމަ ބާރު ހިންގަން ނިންމާފަ އެވެ. ނަމަވެސް ސްޕެއިން ސަރުކާރުގެ އެނިންމުމާ ގުޅިގެންނާއި ކެތަލޯނިއާގެ ކުރީގެ މިނިސްޓަރުން ހައްޔަރު ކުރުމާ ގުޅިގެން އެސްޓޭޓުގެ އެތައް ހާސް މީހުން ވަނީ މުޒާހަރާކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް