ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ކޮޕާ ޑެލް ރޭގެ 24 މެޗެއް ފަސްކޮށްފި

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ކޮޕާ ޑެލް ރޭގެ 24 މެޗެއް ވަނީ ފަސްކޮށްފަ... ފޮޓޯ/ ޔޯބެސިން

ސްޕެއިންގެ މެދުތެރޭ ސަރަހައްދެއްގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓެއްގައި މަދުވެގެން 30 މީހުން މަރުވުމާ ގުޅިގެން މިރޭ ފަށަން ހަމަޖެހިފައި އޮތް ކޮޕާ ޑެލް ރޭ މުބާރާތުގެ ހުރިހާ މެޗެއް ފަސްކޮށްފިއެވެ.

މި އެކްސިޑެންޓުގައި 80 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މި ހާދިސާ ހިނގާފައި ވަނީ މަޑުކޮށްގެން އޮތް ރޭލެއްގެ ފަހަތުގައި ހައިސްޕީޑް ރޭލެއް ޖެހިގެންނެވެ.

ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަން (އާރްއެފްއީއެފް) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހިތާމަވެރި ހާދިސާއާ ގުޅިގެން މެޗުތައް ފަސްކުރަން ނިންމީ ހާދިސާގެ ޝިކާރައަކަށްވި ފަރާތްތަކުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ. އަދި މުޅި ސްޕެއިންގެ ފުޓްބޯޅަ އާއިލާ އޮތީ މި ހިތާމައިގައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް ކަމާބެހޭ އިދާރާތަކަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ފެޑެރޭޝަނުން ފާހަގަކުރިއެވެ.

މިއަދު ފަސްކުރި މެޗުތައް އަލުން ކުޅޭނެ ތާވަލެއް ފަހުން އިއުލާނުކުރާނެ ކަމަށް ފެޑެރޭޝަނުން ވަނީ ބުނެފައެވެ. ނަމަވެސް ބުރާސްފަތި ދުވަހު ކުޅުމަށް ތާވަލުކޮށްފައިވާ ފުރަތަމަ ބުރުގެ މެޗުތައް ފަސްކޮށްފައެއް ނުވެއެވެ. އަދި ކުރިއަށް އޮތް ހަފުތާ ބަންދުގައި ކުޅުމަށް ހަމަޖެހިފައިވާ ސްޕެނިޝް ލީގުގެ މެޗުތައް ފަސްކުރިކަން ވެސް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

މިރޭ ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް ފަސްކުރި މެޗުތަކުގެ ތެރޭގައި ރެއާލް ބެޓިސް، ސެލްޓަ ވީގޯ އަދި ވެލެންސިއާ ކުޅެން އޮތް މެޗުތައް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބުތަކުން ވަނީ ހިތާމަފާޅުކޮށް، ތައުޒިޔާ ފޮނުވާފައެވެ. އެފްސީ ބާސެލޯނާއިން މީސްމީޑިއާގައި ބުނެފައިވަނީ ގެއްލުން ލިބުނު އާއިލާތަކާއި އެކުވެރިންނާ އެކު ކްލަބުން ތިބި ކަމަށާއި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

މީގެއިތުރުން ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނީ، މި ހިތާމަވެރި ދަނޑިވަޅުގައި އެންމެހައި ފަރާތްތަމުބާރާކުގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

ސެވިއްޔާ އެފްސީން ވެސް ވަނީ ފަރިތަކުރުންތައް ފެށުމުގެ ކުރިން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސް، ކޯޗުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފައެވެ.

comment ކޮމެންޓް