ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ފަރާތުން ޅ. ހިންނަވަރުގައި ސާފު ބޯފެނުގެ ނިޒާމެއް ގާއިމްކޮށްފި އެވެ.
މި ނިޒާމުގެ ދަށުން ވާރޭ ފެން ރައްކާކުރުމަށްފަހު، އެފެނާ މީރުކޮށްފައިވާ ލޮނު ފެން އެއްކޮށްގެން، ފެނުގެ ނެޓްވޯކެއްގެ ތެރެއިން 700 ގޭބީސީއަށް ފެން ފޯރުކޮށްދޭނެ އެވެ.
ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައާޅާފައި ހުންނަވާ ޔޫސްއެއިޑް މިޝަން ޑިރެކްޓަރު ޑރ. އެންޑްރޫ ސިސޯން އާއި ޔޫއެސްއެއިޑްގެ ޑެލިގޭޝަނަކުން ވަނީ މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާޖީ އާއި ފެނަކަ ކޯޕަރޭޝަނާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޕްރޮޖެކްޓް ސާވިސަސް (ޔުނޮޕްސް)ގެ އޮފިޝަލުންނާ އެކު އޮކްޓޫބަރު 31ގައި ހިންނަވަރަށް ޒިޔާރަތްކޮށް ފެނުގެ ނިޒާމު ބަލައި، އެ ރަށު ކައުންސިލާ ބައްދަލުކޮށްފަ އެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޫއެސްއެއިޑާއި ޕާޓްނަރުން ދަނީ ސިއްހީ ގޮތުން ދުޅަހެޔޮ ފެނުގެ ޔަގީންކަން އޮތް މުސްތަގުބަލެއް ފަހިކުރުމަށް މަސައްކަތް ކުރަމުން. ދިވެހިރާއްޖޭގެ ރަށްތަކަށް ދިމާވާ ފެނުގެ ދަތިކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑުމެން މިދަނީ ދިވެހި ސަރުކާރުގެ ތަސައްވުރު ކަމަށްވާ އިންޓެގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓްގެ މޮޑެލް ކުރިއަށް ގެންދިއުމަށް އެހީތެރިވަމުން. މިކަމުގެ ސަބަބުން ރައްކާތެރި ކޮލިޓީ ރަނގަޅު ބޯފެން ހުރިހާ އެންމެންނަށް ޔަގީން ވެގެންދާނެ،" ޑރ. ސިސޯން ވިދާޅުވި އެވެ.
ހިންނަވަރުގައި ގާއިމް ކޮށްފައިވާ ފެނުގެ ނިޒާމް ބޭނުންކުރަން ފަށާފައި ވަނީ މިއަހަރުގެ ޖޫން މަހު އެވެ.
އެ ނިޒާމުގައި ދުވާލަކު 80 ކިއުބިކް މީޓަރުގެ ފެން އުފެއްދޭ "ރިވާސް އޮސްމޯސިސް ޔުނިޓެއް" ހިމެނެ އެވެ. މި ޔުނިޓް ބެހެއްޓިފައިވާ އިމާރާތުގެ ހަކަތައިގެ ކަންކަމުގެ އެއްބައި ހަމަޖައްސަނީ އިރުގެ ހަކަތަ ބޭނުން ކޮށްގެންނެވެ. މީގެ އިތުރުން، ގްރައުންޑްވޯޓާ އިންފިލްޓްރޭޝަން ނިޒާމެއްގެ އެހީގައި ރައްކާނުކުރެވޭ ވާރޭ ފެން ރަށުގެ ފެން ފަށަލައަށް ފޮނުވާލެވި، މިކަމުގެ ސަބަބުން ފެން ފަށަލަ އިޔާދަވެ އެވެ.
މިފެސިލިޓީގައި ގާއިމް ކުރެވިފައިވާ ފެނުގެ ކޮލިޓީ ބަލާ ލެބޯޓަރީގެ އެހީގައި ހިންނަވަރުގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްރަށަށް ބޭނުންވާ ފެނުގެ ކޮލިޓީ ދެނެގަތުމުގެ މަސައްކަތް ކުރެވޭނެ އެވެ. ޔޫއެސްއެއިޑުން ވަނީ މި ނިޒާމް ބެލެހެއްޓުމަށްޓަކައި، އެ މަސައްކަތުގައި އުޅޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުއައްޒަފުން ތަމްރީން ކުރުމަށްޓަކައި ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދީފަ އެވެ.
ޔޫއެސްއެއިޑުން ހަރަދުކުރި މި ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޔުނޮޕްސް އާއި މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާޖީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި ހިންނަވަރު ކައުންސިލް ގުޅިގެންނެވެ.