ކްރިސްޓަލް އެންޓަޓެއިންމެންޓުގެ ފިލްމު "ބޮސް" އިއްޔެ ރޭ ރިލީޒްކޮށްފައިވާއިރު މިއީ އަސަރު ގަދަ ފިލްމެއް ކަމަށް ފިލްމު ބަލަން ރޭ އޮލިމްޕަހަށް ދިޔަ ބެލުންތެރިން ވަނީ ބުނެފައެވެ.
ފާތިމަތު ނަހުލާގެ ވާހަކައެއްގެ މައްޗަށް އޭނާ ޕްރޮޑިއުސްކޮށް އާއިޝަތު ރިޝްމީ ޑައިރެކްޓްކުރި މި ފިލްމަކީ ލޯތްބާ، ހަސަދަ، ކުލުނާ ރުޅިވެރިކަން ދައްކައިދޭ ފިލްމެކެވެ. ފިލްމުގެ އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ ރަވީ ފާރޫގެވެ. ކޮސްޓިއުމް ޑިޒައިނަރަކީ ޖާދުﷲ އެވެ. މޭކަޕް އާޓިސްޓަކީ ހުސައިން ޝަދްޔާން (ސޭންޑީީ) އެވެ. ސޭންޑީގެ ހާއްސަ ފެނިލުމެއްވެސް ބޮސް އިން ފެނިގެންދެއެވެ.
ބޮސްގެ ޕްރިމިއާ ނައިޓްގައި ފިލްމުގެ މޭކަޕް އާޓިސްޓު ސޭންޑީ މީޑިއާ އާ ވާހަކަ ދައްކަނީ -- ސަންފޮޓޯ/ ފަޔާޒު މޫސާ
ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށްޓަކައި ދޭ ބޮސް ގެ ބާރު" މި ފިލްމުން ދައްކައިދެއެވެ. މީގެ އިތުރުން އިހްލާސްތެރި ދުއާގެ ބާރުވެސް މި ފިލްމުން ފެންނާނެއެވެ.
ތަރިން
މުހައްމަދު ޔުނާން (ރާއިދު)، މަރިޔަމް އައްޒަ (އިބާ)، ފާތިމަތު އާޒިފާ (ޖޫން)، އިބްރާހިމް ޖިހާދު (މާއިޝް) އަލީ އާޒިމް (އަބޯ)، އަލީ ޝަމީލް (މާއިޝްގެ ބައްޕަ)

އައިޝަތު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށް، ފާތިމަތު ނަހުލާ ޕްރޮޑިއުސްކުރާ ދިވެހި ފިލްމު "ބޮސް"ގެ ލީޑުރޯލުން ފެނިގެން ދާނީ، މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން -- ސަން ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމަންޓް
މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
މިއީ ނަހުލާގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް އޭނާ ސްކްރިޕްޓް ލިޔެ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި ފެނިގެންދަނީ މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އަންހެން ކުއްޖަކު، ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން އެކުއްޖާއަށް ނަފްސާނީ ގޮތުން ކުރާ އަސަރާ، އެކަމުން އަރައިގަތުމަށް ގިރާކުރާ ގޮންޖެހުންތަކެވެ. އެކަންތަކުން ސަލާމަތްވުމަށްފަހު ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރުވެސް ބޮސް ފިލްމުން ފެނިގެންދާނެއެވެ. ތެދުވެރި ލޯތްބަށްޓަކައި ވާ ގުރުބާނީން، ބެލުންތެރީންގެ ލޯތައް ހަމަ ރަނގަޅަށް ވެސް ކަރުނައިން ފުރިގެންދާވަރު ވެއެވެ.
މިއީ ހަމައެކަނި ލޯބީގެ ފިލްމެއް ނޫނެވެ. އަޅުގަނޑުމެންގެ މުޖްތަމައުތެރޭގައި މީހުންނަށް ވަރަށް ބޮޑަށް އޮޅުން އަރާފައިވާ، ވަރަށް މުހިންމު މައްސަލައެއް މި ފިލްމުން މީހުންގެ ސަމާލުކަމަށް ގެނެސްދީ ހޭލުންތެރިކުރުވައެވެ. އެއީ ކޮންމެ މީހަކަށް ކޮންމެ ފަދަ ހާލަތެއްގައި ވެސް ދިމާވެދާނެ ކަމެއްކަމަށްވާއިރު، މިފަދަ ކަންކަމުގައި އަމަލުކުރާންވީ ކިހިނެތްކަން ބުނެދީ ވަރަށް ފުރިހަމަ މެސެޖެއް މި ފިލްމުން ބެލުންތެރީންނާއި މުޅި މުޖްތަމައަށްވެސް ދޫކޮށްލައެވެ.

ބޮސްގެ ބައެއް ތަރީންނާއެކު ޑައިރެކްޓަރު ރިޝްމީ -- ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމެންޓް
ބޮސް ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލެ ހުޅުމާލެ އަދި ބައެއް ރިސޯޓްތަކުގައެވެ. ސިނެސްޓޯމް އިން ސިނެމޮޓޯގްރަފީ ހަދާފައިވާ މި ފިލްމަކީ 5ކޭ ކޮލެޓީގެ ފިލްމެކެވެ. މިއީ މި ކޮލެޓީގައި ރާއްޖޭގައި އެޅުވި ފުރަތަމަ ފިލްމެވެ.
ބޮސްގައި އަށް ލަވަ ހިމެނޭއިރު ލަވަތައް ފާހަގަ ކުރެވުނީ "ފިލްމުގެ ބައެއް"ގެ ގޮތުގައި ހިމަނާފައިވާކަމެވެ. އެހެންކަމުން ފިލްމަކީ ލަވަ ގިނަ ފިލްމެއްގެ ގޮތުގައި ފާހަގައެއް ނުކުރެވުނެވެ.
ބޮސްގެ ޕްރޮޑިއުސަރު ނަހުލާ ރޭގެ ޕްރިމިއާ އިވެންޓްގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބޮސް ރިލީޒްކުރުމަށް ރޭ ބޭއްވި ޕްރިމިއާ ހަފްލާގައި ވާހަކަ ދައްކަމުން ނަހުލާ ބުނީ 2008 ވަނަ އަހަރު ރިލީޒްކުރި އޭނާގެ ފިލްމު ޔޫސުފް އަށްފަހު ދިވެހި ފިލްމު ބަލާހިތްވާ މީހުންނަށް ކަމުދާ ކަހަލަ ފިލްމެއް ނުނިކުންނަ ކަމަށް އެމީހުން ބުނަމުން އައި ކަމަށާއި ރޭ ރިލީޒް ކުރެވުނީ "ދިވެހި ފިލްމު ބަލަން ލޯބިކުރާ އޯޑިއަންސަކުން ބޭނުންވާނެ ފަދަ އަސަރުގަދަ ފިލްމެއް" ކަމަށެވެ.
ބޮސް ފިލްމު އެ އަސަރުގައި ގެނެސްދިނުމަށް މިދިޔަ އަހަރު ނަހުލާ ގެނެސްދިން 4426 އަސް ވުރެ ބުރަ މަސައްކަތް ކުރަން ޖެހުނު ކަމަށްވެސް ނަހުލާ ބުންޏެވެ.
ބޮސް އިން ފިލްމީ ދާއިރާ އަށް ތައާރަފްވި ޔުނާން އާ ބެހޭގޮތުން ނަހުލާ ބުނީ ފިލްމުގެ ލީޑް ތަރިއަކަށް ޔުނާން ނެގުމުން ގިނަ ފާޑުކިޔުންތައް ކުރިމަތިވި ކަމަށާ "ބެލުންތެރިން ބޭނުންވާކަހަލަ އަސަރު ގެނެސްދޭ ފިލްމަކަށް ބޮސް ހެދުމަށް، ފިލްމުގެ ލީޑް ތަރިއަކަށް ޔުނާން ނެގުމަކީ ރަނގަޅު ޑިސިޝަން އެއް" ކަން ސާބިތުކޮށްދޭނެ ކަމަށެވެ.
ރޭގެ ފިލްމަށްފަހު ބެލުންތެރިން ވަނީ ޔުނާންގެ އެކްޓިންއަށް ތައުރީފްކޮށްފައެވެ. ގައިމުވެސް ޔުނާންގެ "އިނޮސެންޓް މޫނަކީ" މި ފިލްމުގެ އިމޯޝަންސް ބެލުންތެރިންނަށް ޑެލިވާ ކޮށްދިނުމަށް ނަހުލާއަށާ ރިޝްމީއަށް ލިބުނު ނަސީބެކެވެ.
ބޮސް ގެ މުހިއްމު ރޯލަކުން ފެނިގެންދާ އަޒޫ -- ސަންފޮޓީ / ފަޔާޒު މޫސާ
ޔުނާންގެ އިތުރުން އަޒޫ އާއި ޖިމީގެ އެކްޓިން އަށްވެސް ސާބަސް ދޭހާވެއެވެ. ޖިމީ އަކީ އާންމުކޮށް ނެގެޓިވް ރޯލުތަކުން ފެންނަ މޫނަކަށް ވިޔަސް އަޒޫ ފެނިގެން ގޮސްފައިވަނީ އާންމުކޮށް ނުފެންނަކަހަލަ ރޯލަކުންނެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. މި ފިލްމު ރޭ ވަނީ ރިލީޒްކޮށްފައި -- ސަން ފޮޓޯ: ބޮސް
ފިލްމަށް ފުރިހަމަކަން ގެނެސްދިނީ އިމޯޝަނަލް ސީންތަކުގައިވެސް ދޮން އައްޔަގެ ފަރާތުން ފެނިގެންދާ މަޖާ ޖޯކު ވާހަކަތަކުންނެވެ. އެހެންވީމާ ދޮންއައްޔަ އަށްވެސް ސާބަހެވެ. 186 މިނެޓްގެ ފިލްމު ބަލައިގެން އޮލިމްޕަހުން ނިކުންނަ އިރު ދިގު ފިލްމެއް ބެލި ކަމުގެ އިހްސާސެއް ނުކުރެވޭނެއެވެ. މިއީ ދިވެހި ސިނަމާތަކުން އާންމުކޮށް ފެންނަ ޖޯންރާ އެއްގެ ފިލްމެއް ނަމަވެސް ތަފާތު ޕްލޮޓެއްގެ ފިލްމެކެވެ.
ބޮސްގެ ކުރިއަށް ހުރި ޝޯތައް ހައުސްފުލްވަމުން އަންނަ އިރު ފިލްމަކީ ބަލައިނުލާ ދޫކޮށްލާވަރުގެ ފިލްމެއް ނޫނެވެ.