ސޮރީއަށް މައުމޫން ފޮންޓް

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"ގެ ރަސްމީ ޓައިޓަލް ފޮންޓް "މައުމޫން"އަށް ބަދަލު ކޮށްފިއެވެ.

ބޮޑު މެދުކެނޑުމަކަށްފަހު ނަހުލާ މިހާރު މަސައްކަތް ފަށާފައިވާ ލޯބީގެ އަސަރުގަދަ ފިލްމު ސޮރީއަކީ ނަހުލާ އުފައްދާ ބޮޑު ފިލްމެކެވެ. އެގޮތުން މި ފިލްމުގެ ޝޫޓިން ބާރު ދުވެލީގައި ކުރިއަށް ގެންދާއިރު މިހާރު މި ފިލްމުގެ ޝޫޓިންގެ މަސައްކަތް އޮތީ ނިމުމާ ގާތްވެފައެވެ.

އެގޮތުން ފިލްމުގެ ޝޫޓިންގެ 95 ޕަސެންޓް މަސައްކަތް އޮތީ ނިމިފައެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝޫޓިންގެ ބާކީ މަސައްކަތްތައް ވެސް ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.

ނަހުލާ ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގެ ޓައިޓަލް "ސޮރީ"ގެ ފޮންޓް މިހާރު ވަނީ ބަދަލު ކޮށްފައެވެ. ފިލްމުގެ ޓައިޓަލް ފޮންޓު ބަދަލުކޮށްފައިވަނީ ދާދިފަހުން އާންމު ކޮށްފައިވާ "މައުމޫން" ފޮންޓަށެވެ.

މައުމޫން ފޮންޓަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ އަތުލިޔުއްވުން އަސްލަކަށް ބަލައި އަކުރުޓައިޕާއި މައުމޫން ފައުންޑޭޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްސަ ފޮންޓެކެވެ. މި ފޮންޓު ނެރެފައިވަނީ މިދިޔަ ހަފުތާގައެވެ.

މައުމޫން ފޮންޓް، ސޮރީގައި ބޭނުން ކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ނަހުލާ ހާމަކޮށްފައިވަނީ މި ފޮންޓް ޓައިޓަލްގައި ބޭނުން ކޮށްފައިވަނީ ރައީސް މައުމޫނަށް އިހްތިރާމް އަދާކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން ރައީސް މައުމޫންގެ އަތުލިޔުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮންޓެއް ބޭނުންކުރަން ލިބުމަކީ ޝަރަފެއް ކަމުގައި އޭނާ ދެކޭ ކަމަށް ނަހުލާ ބުނެއެވެ.

މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން ޝީލާ ނަޖީބާއި ހުސައިން ސޮބާހެވެ.

ސޮރީ ވެސް ވާނީ ނަހުލާގެ އަސަރުގަދަ ވާހަކަތައް ކިޔައިދޭ ފިލްމަކަށެވެ. ނަހުލާގެ ކުރީގެ އޯޑިއެންސް އަނބުރާ ގެނައުމުގެ މަގުސަދުގައި ނެރޭ މި ފިލްމު ނެރުން ވާނީ އޭނާގެ މަސައްކަތްތަކަށް ލޯބިކުރާ މީހުންނަށް ގެނެސްދޭ އުފާވެރި ޚަބަރަކަށެވެ.

ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.

comment ކޮމެންޓް