ތާޖު މަހަލްގައި ހުކުރު ނަމާދުކުރުން މަނާކުރުމަށް ހަރުކަށި ހިންދޫން ގޮވައިލައިފި

ތާޖު މަހަލް: ސަތާރަ ވަނަ ގަރުނުގައި މުސްލިމު ރަސްކަލަކު އޭނާގެ އަންހެނުންގެ ހަނދާނުގައި ބިނާކުރި ތާޖް މަހަލް. އެ ބިނާއަކީ އަސްލު ހިންދޫންގެ ފައްޅިއެއް ކަމަށް ހަރުކަށި ހިންދުން ދައުވާކުރޭ.--

ނިއުދިއްލީ (އޮކްޓޯބަރު 30):ސަތާރަ ވަނަ ގަރުނުގައި ބިނާކޮށްފައިވާ އެފަދަ ދެވަނައެއް ނެތް ރީތި ބިނާ ތާޖު މަހަލްގައި ހުކުރު ނަމާދުކުރުން މަނާ ކުރުމަށް ހިންދޫންގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ރަޝްތިރިޔާ ސްވާޔަމްސްވެކް ސަންގު (އާރުއެސްއެސް) އާ ގުޅިފައިވާ ޖަމާއަތަކުން ގޮވައިލައިފި އެވެ.

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ވެސް އާރުއެސްއެސް އަށް ނިސްބަތްވަޑައިގެންނެވި ބޭފުޅެކެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް އެޖަމާއަތާ ވަރަށް ބޮޑަށް ގުޅުންތައް އޮވެ އެވެ.

އިންޑިއާ ޓުޑޭ ޓީވީގައި ވާހަކަ ދައްކަވަމުން އަކިލް ބާރުތިޔާ އިތިހާސް ސަންކަލަން ސަމީތީ ޖަމާއަތުގެ ސެކެޓްރީ ޑރ. ބަލްމުކުލް ޕާންޑޭ ވިދާޅުވީ ތާޖު މަހަލްއަކީ ގައުމީ ބިނާއެއް ކަމަށާއި އެތަން މުސްލިމުން އަޅުކަންކުރަން ބޭނުންކުރުމަކީ މައްސަލައެއް ކަމަށެވެ. އަދި އެތަނުގައި ނަމާދު ކުރުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަލްމުކުލް ވިދާޅުވީ ތާޖުމަހަލްގައި މުސްލިމުންނަށް އަޅުކަންކުރެވޭ ނަމަ އެތަނުގައި ހިންދޫންނަށް ވެސް އަޅުކަން ކުރެވެން ޖެހޭނެ ކަމަށެވެ.

ތާޖު މަހަލްއަކީ އިންޑިއާގައި ކުރިން ވެރިކަން ކުރި މުސްލިމު ރަސްކަލެއް ކަމަށްވާ ޝާހު ޖަހާން ވެރިކަން ކުރި އިރު އޭނާގެ އަންހެނުންގެ ހަނދާނުގައި ބިނާ ކުރި ބިނާއެކެވެ.

ބަލްމުކުލް ވިދާޅުވީ ތާޖު މަހަލް އަކީ ހަގީގަތުގައި ޝިވާ ފައްޅިއެއް ކަމަށާއި އެތަން ބިނާކުރީ ވެސް ހިންދޫންގެ ރަސްކަލެއް ކަމަށެވެ. އަދި ޝާހު ޖަހާން އޭނާގެ އަނބިކަނބަލުން އަވަހާރަވުމާ އެކު އެންމެ ހަތަރު މަސްތެރޭ ވަނީ ކައިވެނި ބައްލަވައިގެންފައި ކަމަށާއި އެހެންކަމުން ތާޖުމަހަލް އަކީ ލޯބީގެ ރަމްޒެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

މަސްދަރު: އިންޑިއާޓައިމްސް

comment ކޮމެންޓް