ކުޅި ހިއްކާ މައްސަލަ އެންމެ ފަހުން ކޯޓަށް

ހދ. ކުޅުދުއްފުށީ ކުޅި --- ފޮޓޯ: އަހުމަދު ސައުދު

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެ ރަށުގައި އޮންނަ ކުޅި ހިއްކާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ރަށު މީހަކު އެ މައްސަލަ ކޯޓަށް ހުށައަޅައިފި އެވެ.

ސަން އަށް ވަނީ އެ މައްސަލަ ހުށައެޅި "ދައުވާ ފޯމް"ގެ ކޮޕީއެއް ލިބިފަ އެވެ. އެ މައްސަލަ ހުށައަޅާފައި ވަނީ މުހައްމަދު އާދަމް ކިޔާ ކުޅުދުއްފުށީ މީހެކެވެ.

ދައުވާ ފޯމްގައި ބުނެފައި ވަނީ ހިމާޔާތް ކޮށްފައިވާ ކުޅި ހިއްކާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދޭ ކަަމަށެވެ.

ކުޅި ހިއްކުމާ ގުޅިގެން ބައެއް މީހުންގެ ކަންބޮޑުވުން އެކިއެކި މީޑީއަމްތަކުގައި ބަންޑުން ކުރަމުންދާ އިރު ކުޅުދުއްފުށީ ގިނަ ބަޔަކު އެ ކުޅި ހިއްކައިގެން ވެސް އެއާޕޯޓް އަޅަން ވެސް ތާއިދު ކުރާ ކަމަށް ބުނެ ދަނީ ހިޔާލު ފާޅުކުރަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު މަށި ކުޅި ހިއްކައިފި ނަމަ އޭގެ ސަބަބުން ގެއްލުންތަކެއް ވާނެ ކަމަށް ބުނެ ތިމާވެށި ހިމާޔާތްކުރާ ބައެއް ޖަމުއްޔާތަކުން ވަނީ ރިޕޯޓްތައް ވެސް ނެރެފަ އެވެ. ނަމަވެސް ރާއްޖޭގެ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ މިހާރު އެކުޅި ހިއްކުމުން ގެއްލުމެއް ނެތް ކަމަށް ބުނެ އެ ހުއްދަ ދީފަ އެވެ.

ސަރުކާރުން ކުޅުދުއްފުށީގައި ތަރައްގީ ކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ރާއްޖޭގައި ބަން ފުރަތަމަ ކޮންނަ ބޯޓް" މަހާ ޖައްރާފު" ވަނީ މިހާރު ކުޅުދުއްފުއްޓަށް ގޮސްފަ އެވެ. އަދި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ( އެމްޓީސީސީ) އިން ވަނީ ބުނެފަ އެވެ.

ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް މުހައްމަދު އާދާމް އެ ރަށު މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވީ ނަމަވެސް އެ މައްސަލަ ބަލައިގެންކަން އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

comment ކޮމެންޓް