ނިއުކުލިއާ ޕްރޮގްރާމް ހިންގަން އުތުރު ކޮރެއާއިން ރައްޔިތުން އަޅުވެތިކޮށްފައިވޭ: އެމެރިކާ

އެމެރިކާގެ ޑިފެންސް ސެކެޓްރީ ޖޭމްސް މެޓިސް. އޭނާ ވިދާޅުވީ ނިއުކުލިއާ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި އުތުރުކޮރެއާއިން އެގައުމުގެ ރައްޔިތުން އަޅުވެތިކޮށްފައި ވާކަމަށް ---

ނިއުކުލިއާ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި އުތުރުކޮރެއާއިން އެގައުމުގެ ރައްޔިތުން އަޅުވެތިކޮށްފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ސެކެޓްރީ ޖޭމްސް މެޓިސް ވިދާޅުވެއްޖެ އެވެ.

ދެ ކޮރެއާ ދެމެދުގެ ބޯޑަރު ސަރަހައްދަށް ޖޭމްސް ވަޑައިގެން ވިދާޅުވީ ކޮރެއާ ޕެނިންސިއުލާ ސަރަހައްދުގައި ހޫނުވެފައިވާ މައްސަލަ ހައްލު ކުރުމަށް އެމެރިކާއިން ދަނީ ކުރެވެން ހުރި މަސައްކަތްތަކެއް ކުރަމުން ކަމަށާއި ނަމަވެސް އުތުރު ކުރެއާއިން ކުރަމުންދާ ޖެންސުންތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

ޖޭމްސް ވިދާޅުވީ އުތުރުކޮރެއާއިން ވަނީ އެ ގައުމުގެ ރައްޔިތުން މިނިވަންކަމާއި އަސާސީ ހައްގުތަކުން މަހުރޫމުކޮށް އެމީހުން ކަސްތޮޅު އަލުވައިފައި ކަމަށެވެ. އަދި އުތުރު ކޮރެއާއަށް އެގަމުގެ ރައްޔިތުންނަކީ އެއްވެސް އަގެއް ހުރި ބައެއް ކަމަށް ނުދެކޭ ކަމަށާއި އަދި މުހިންމީ ނިއުކުލިއާ ޕްރޮގްރާމް ހިންގުން ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު އުތުރުކޮރެއާއަށް ދޭން ފެށި އިންޒާރުތަކާއެކު އުތުރު ކޮރެއާއިން ވަނީ ނިއުކުލިއާ ޓެސްޓުތައް ދޭތެރެ ދޭތެރެއިން ކުރަމުންނެވެ.

ޓްރަމްޕް ވަނީ ބައިނަލަގްވާމީ ދުނިޔެއިން އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފައެވެ. އެމެރިކާއާ އެއްބައިވެ އުތުރުކޮރެއާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާ ޗައިނާއިން ވެސް ވަނީ އުތުރުކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.

comment ކޮމެންޓް