އޮމާން ކަނޑުގައި ދަތުރުކުރަމުންދިޔަ ވިޔަފާރި ބޯޓުތަކަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ދިން ހަމަލާތަކާ ގުޅިގެން، އިންޑިއާގެ ތިން މީހަކު މަރުވި މައްސަލައިގައި, އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް އެމެރިކާގެ ޗާޖް ޑި އެފެއާޒް ޖޭސަން މީކްސް މިއަދު ހާޒިރުކޮށްފިއެވެ.
އިންޑިއާއިން ވަނީ މި ހަމަލާތަކާ ގުޅިގެން އެމެރިކާއާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް ކޮށްފައެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެމެރިކާގެ ސަފީރު ހާޒިރުކުރީ އިންޑިއާގެ ފަޅުވެރިން ތިބި ވިޔަފާރި ބޯޓުތަކަށް އަމާޒުކޮށް އެމެރިކާގެ ކަނޑުގެ ސިފައިން ދެމުންގެންދާ ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގެ ސަބަބުން އިންޑިއާގެ ތިން ރައްޔިތެއްގެ ފުރާނަ ގެއްލިފައިވާކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.
މަދަނީ ބޯޓުފަހަރަށް އަމާޒުކޮށް ނުރައްކާތެރި ހަތިޔާރު ބޭނުންކުރަމުންދާތީ އެކަމާ މެދު އިންޑިއާއިން އިންތިހާއަށް ކަންބޮޑުވާކަން އެމެރިކާގެ ސަފީރަށް އަންގާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށާއި، މީގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުގެ ވިޔަފާރީގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާގެ ޗާޖް ޑި އެފެއާޒްއާ ބައްދަލުކުރައްވައި، އިންޑިއާގެ ކަންބޮޑުވުންތައް އެމެރިކާ ސަރުކާރަށް ރައްދުކޮށްދިނުމަށް އިންޑިއާއިން ވަނީ އެދިފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިން، އާންމުންގެ ފުރާނަ ގެއްލިގެން ނުދާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ކަށަވަރުކުރުމަށްވެސް އިންޑިއާއިން ވަނީ ގޮވާލާފައެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން ވަނީ ފާއިތުވި ދުވަސްތަކުގައި އިންޑިއާގެ ފަޅުވެރިން ތިބި ތިން ބޯޓަކަށް ހަމަލާދީފައެވެ. އޭގެ ތެރެއިން ސެޓެބެލޯ ނަމަކަށް ކިޔާ ބޯޓަށް ދިން ހަމަލާގައި އިންޑިއާގެ ތިން ފަޅުވެރިން ވަނީ މަރުވެފައެވެ. މިއީ މި ހަފުތާގެ ތެރޭގައި އެމެރިކާގެ ސަފީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކުރި ދެވަނަ ފަހަރެވެ.