ސީރިއާގެ ކެމިކަލް ހަމަލާ ރިޕޯޓުގައި މުޅިން ހުރީ ފުށުއަރާ ކަންތައްތައް: ރަޝިއާ

ސިރިއާގައި ދިން ކެމިކަލް ހަތިޔާރާ ބެހޭގޮތުން އދ. ގައި މަޝްވަރާކުރަނީ ---

ސީރިއާގައި މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ސެރިން ގޭސް ބޭނުންކޮށްގެން ކެމިކަލް ހަމަލާދިން މައްސަލަ އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޭޕީސީޑަބްލިއު) އިން ތަހުގީގުކޮށް އދ. އިން ނެރުނު ރިޕޯޓުގައި ހުރީ މުޅިން ފުށު އަރާކަންތައްތައް ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ސާޖެއި ރިޔަބްކޯވް ވިދާޅުވީ އެ ރިޕޯޓް މަތިމަތިން ބަލައިލިޔަސް އޭގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން އެނގޭ ކަމަށެވެ.

"އޭގައި ހުރި އެއްބައި ވާހަކަތަކާ އަނެެއް ވާހަކަތަކާ ނުވެސް ގުޅޭ. އަދި މަންޒަރުދުށް ކަމަށްބުނެ މައުލޫމާތު ދިން މީހުންނާމެދު ވެސް ސުވާލު އުފެދޭ،" ސާޖެއި ރިޔަބްކޯވް ވިދާޅުވި އެވެ.

ސީރިއާގެ އިޑްލިބް ޕްރޮވިންސްގެ ކާން ޝައިކުންގައި ދިން އެ ކެމިކަލް ހަމަލާގައި 80 މީހުން ވަނީ މަރުވެފައެވެ.

ރިޔަބްކޯވް ވިދާޅުވީ ސިރިއާގެ ދުޝްމަން ގައުމުތަކުން މަސައްކަތް ކުރަމުންދަނީ އެ ރިޕޯޓް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން އެ ގައުމުތަކުން ބޭނުންވާ ކަންތައްތައް ހާސިލް ކުރަން ކަމަަށެވެ.
ސީރިއާއިން ވަނީ އެގައުމުގައި ހުރި ހުރިހާ ކެމިކަލް ހަތިޔާތުތަކެއް 2013 ވަނަ އަހަރު އދ. އާ ހަވާލު ކޮށްފައެވެ. އަދި އެ ހަތިޔާރުތައް ނައްތާލައިފައި ވަނީ އޭޕީސީޑަބްލިއު ގެ މުވައްޒަފުންގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ.

އެމެރިކާއިން 2003 ވަނަ އަހަރު އިރާގަށް އަރައިގަތީވެސް އިރާގުން ފަނާކުރަނިވި ހަތިޔާރު ތައްޔާރުކުރާ ކަމަށް ބުނެއެެވެ. ނަމަވެސް އެ ހަނގުރާމައަށް 14 އަހަރު ވެގެން ދިޔައިރުވެސް މިހާތަނަށް އިރާގުން އެފަދަ ފަނާކުރެނެވި ހަތިޔާރު ފެނިފައެއް ނުވެއެވެ.

އދ. ގެ ތަހުގީގީ ޓީމުން ވަނީ އެ ހަމަލާ ދީފައިވަނީ ސީރިއާ ސަރުކާރުން ކަމަށް ބުނެފައެވެ. ނަމަވެސް ރަޝިއާ އާއި އަދި ސީރިއާ ސަރުކާރުން ބުނީ އެ ކެމިކަލް ހަމަލާ ދީފައިވަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.

މަސްދަރު : ޕްރެސްޓީވީ

comment ކޮމެންޓް