ދިވެހި ސިވިލް ސާވެންޓުން ޕާކިސްތާނަށް ގޮސް ތަޖުރިބާ ހޯދުމަށް ދައުވަތު ދީފި

ޕާކިސްތާނު އެމްބަސީގެ ފަރާތުން ދިވެހި ސިވިލްސާވިސް ޓްރެއިނިން އިންސްޓިޓިއުޓަށް ދެ ސްމާޓް ބޯޑު ހަދިޔާ ކުރުން

ދިވެހި ސިވިލްސާވެންޓުން ޕާކިސްތާނަށްގޮސް އެގައުމުގެ ސިވިލް ސާވިސް ގައި ކަންހިނގާގޮތް ބަލައި ތަޖުރިބާ ހޯދުމަށް ދައުވަތުދީފިއެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން ދިވެހި ސިވިލްސާވިސް ޓްރެއިނިން އިންސްޓިޓިއުޓަށް ދެ ސްމާޓް ބޯޑު ހަދިޔާކުރުމަށް މިއަދު އެ އިންސްޓިޓިއުޓް ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ސައްޔިދު ޚަވާރު އަލީ ޝާހު ވިދާޅުވީ ދިވެހި ސިވިލް ސާވިސް އާއި ޕާކިސްތާނު ސިވިލް ސާވިސް އާ ދެމެދު ގާއިމްވެފައި އޮތީ ގާތް ގުޅުމެއް ކަމަށާއި، ދިވެހި ސިވިލް ސާވެންޓުން ޕާކިސްތާނަށް ގޮސް އެގައުމުގެ ސިވިލް ސާވިސް ގައި ކަންހިނގާގޮތް ބަލައި ތަޖުރިބާ ހޯދުމަށް ދައުވަތު ދެއްވާ ކަމަށެވެ.

ދިވެހި ސިވިލް ސާވެންޓުންގެ ތައުލީމީ ފެންވަރު މަތިކޮށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސިވިލް ސާވިސް އިންސްޓިޓިއުޓުން ހިންގާ ޕްރޮގްރާމްތައް މުހިއްމު ކަމަށް ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާނު އެމްބަސީން ސިވިލް ސާވިސް ޓްރެއިނިން އިންސްތިޓުޓަށް ހަދިޔާ ކުރި ސްމާޓް ބޯޑުތަކުގެ ސަބަބުން އެ އިންސްޓިޓިއުޓުން ތަމްރީނު ހޯދާ ސިވިލް ސާވިސް މުވައްޒަފުންނަށް ފަސޭހަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއަކީ ހަލުވި ކަމާއެކު ތަރައްގީ ވަމުން އަންނަ ތަރައްގީ އަށް ލޯބިކުރާ ބައެއް އުޅޭ ގައުމެއްކަމަށް ފާހަގަކުރައްވައި ސަފީރު ވިދާޅުވީ އެކަމުގެ އެންމެ ބޮޑު ހެއްކަކީ ހުޅުމާލެ ކަމަށެވެ.

"މީގެ ދެ އަހަރު ކުރިން އަޅުގަނޑު ހުޅުމާލެ އަށް ބަދަލު ވިއިރާ، މިހާރާ އަޅާބަލާއިރު ވަރަށް ބޮޑު ބަދަލުތަކެއް އައިސްފި. ބޮޑެތި އިމާރަތްތައް ހަލުވި ކަމާއެކު މައްޗަށް އަރަމުންދާއިރު މި ފެންނަނީ އެތަން ތަރައްގީވަމުންދާ ހަލުވިމިން. ދިވެހިންނަކީ ތަރައްގީއަށް ލޯބި ކުރާ ބައެއް،" ސަފީރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ މިއަދު ޕާކިސްތާނު އެމްބަސީން ހަދިޔާކުރި ދެ ސްމާޓް ބޯޑަކީ އެ ކޮމިޝަންގެ ޓްރެއިނިން އިންސްޓިޓިއުޓަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. އައިސީޓީގެ ޒަމާނުގައި އެފަދަ ވަސީލަތްތަކުގެ މުހިއްމުކަން ފާހަގަ ކުރައްވައި ޑރ. ޝަމީމް ވިދާޅުވީ ދިވެހި ސިވިލް ސާވިސް އިން މަސައްކަތް ކުރަނީ އައިސީޓީ އަދި ސައިންޓިފިކް ގޮތްތައް ބޭނުންކޮށްގެން މި ސަރަހައްދުގެ އެންމެ ރަނގަޅު ސިވިލް ސާވިސްއަށް ވުމަށް ކަމަށެވެ.

އެ މަގްސަދު ހާސިލުކުރުމަށް ސިވިލް ސާވިސް އިންސްޓިޓިއުޓުން މަސައްކަތް ކުރާ ކަމަށާއި މުވައްޒަފުންގެ ހުނަރު ކުރިއެރުވުމަށް ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށް ޑރ ޝަމީމް ވިދާޅުވިއެވެ.

މިއަހަރު ޕާކިސްތާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން ޕާކިސްތާނުގެ ލާހޯރު ގައިހުންނަ ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އިން ތައުލީމު ހާސިލް ކުރުމަށް ދިވެހި ދެ ސިވިލް ސާވެންޓަކަށް ފުރުސަތު ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕާކިސްތާނު އަދި ރާއްޖޭގެ ސިވިލް ސާވިސް އާ ދެމެދު އޮތީ ބަދަހި ގުޅުމެއް، އެގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވާނެ،" ޑރ ޝަމީމް ވިދާޅުވިއެވެ.

comment ކޮމެންޓް