''ނޯޓީ 40'' ލީކު ކޮށްލި މައްސަލަ ފުލުހަށް، ޕްރޮޑިއުސަރު ބުނީ ބޮޑު ގެއްލުމެއް ވެއްޖެ ކަމަށް

ދިވެހިފިލްމު ނޯޓީ40ގެ ޕޯސްޓަރެއް. -- ފޮޓޯ: ފޭސްބުކް

މިއަހަރު ނިކުތް ކާމިޔާބު ފިލްމް ނޯޓީ 40 ލީކު ކޮށްލި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ސަން އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް ބުނީ ފިލްމުގެ ތިން ކޮޕީއެއް ލީކުވެގެން އެބައުޅޭ ކަމަށާ، އެ ތިން މައްސަލަ ވެސް ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

"ފުރަތަމަ ފިލްމުގެ ލީކެއް އުޅޭކަން އެނގުނީ މީގެ މަހެއްހައި ދުވަސް ކުރިން. އެ މައްސަލަ ފުލުހަށް ހުށަހަޅައިގެން އުޅެނިކޮށް އަލުން އެހެން ކޮޕީއެއް އުޅޭކަން އެނގުނީ. މިހާރު ފިލްމުގެ ތިން ކޮޕީއެއް އެބައުޅޭ. އެ މައްސަލަތައް ވެސް ފުލުހުން ގެންދަނީ މިހާރު ބަލަމުން،" ޝަފީގު ބުންޏެވެ.

އޭނާ ބުނީ ލީކުވެގެން އުޅެނީ ލ އަތޮޅުގައި އަޅުވަން ތައްޔާރު ކުރި ކޮޕީ އާއި، ށ މިލަންދޫގައި އެޅުވުމަށް ތައްޔާރުކުރި ކޮޕީގެ އިތުރުން މާލޭގައި ޝްވެކް ސިނަމާ އަދި އޮލިމްޕަހުގައި އަޅުވަން ތައްޔާރު ކޮޕީ ކަމަށެވެ.

ފިލްމު ލީކުވީ، ގިނަ ރަށްތަކެއްގައި އަޅުވަން ޝެޑިއުލްކޮށްފައި ވަނިކޮށް ކަމަށް ޝަފީގު ބުންޏެވެ. ނަމަވެސް ފިލްމު ލީކުވުމާ ގުޅިގެން މި ޝޯތައް ކެންސަލްކޮށްފައިވާ ކަމަށާއި އެއާއެކު ފަސް ލައްކަ ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް އޭނާ ބުންޏެވެ.

ޝަފީގު ބުނީ ނޯޓީ 40ގެ ކޮޕީތައް ޔޫޓިއުބްގައިވެސް ދައުރުކުރާ ކަމަށެވެ. "އެއީ އެ ދައުރުކުރާ މީހުންގެ ޕްރޮޕަޓީއެއް ނޫން ދެއްތޯ، އެ މީހުންނާ މެދުވެސް ފިޔަވަޅު އަޅާނަން،" އޭނާ ބުންޏެވެ.

comment ކޮމެންޓް