ދިރާގާއި އެމްޑަބުލިއުއެސްސީގެ ބޭރުގެ ހިއްސާ ދައުލަތަށް ގަންނަނީ

ބަޖެޓު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ

މުވާސަލަތީ ކުންފުނި ދިރާގު އަދި ފެން ކުންފުނި އެމްޑަބުލިއުއެސްސީ އިން ބޭރަށް ވިއްކާފައިވާ ހިއްސާ ދައުލަތަށް ގަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީގައި މެމްބަރުން މިއަދު ވަނީ ދައުލަތަށް އާމްދަނީ އިތުރުކުރުމާ ބެހޭ ގޮތުން ވާހަފުޅު ދައްކަވައިފަ އެވެ. އެގޮތުން ދިރާގާއި އެމްޑަބުލިއުއެސްސީގެ ހިއްސާ އިން ރާއްޖެ އިން ބޭރުން ގަނެފައިވާ ހިއްސާތައް އަނބުރާ ގަނެފި ނަމަ މާބޮޑަށް ވެސް ފައިދާ ކުރާނެ ކަމަށް ވިދާޅުވެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވަނީ އެކަން މިނިސްޓަރުގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ.

ރިޔާޒު ރަޝީދު ވިދާޅުވީ އެ ދެ ކުންފުނީގެ ހިއްސާ ދައުލަތުން 48 މިލިއަން ޑޮލަރު ދީފައި ގަތް ނަމަވެސް އޭގެ ދެގުނަ ފައިދާ ދައުލަތަށް ވަންނާނެ ކަމަށެވެ. އެހެންކަމުން ބޭރުގެ ބަޔަކަށް ހިއްސާ ދޫކޮށްފައި އޮތުމަކީ ބޭނުން ހުރި ކަމެއް ނޫން ކަމަށް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

ރިޔާޒުގެ އެވާހަކަފުޅާ ގުޅިގެން މިނިސްޓަރު މުނައްވަރު ވިދާޅުވީ ދިރާގާއި އެމްޑަބުލިއުއެސްސީގެ ހިއްސާ ދައުލަތަށް ގަންނާނެ ކަމަށެވެ.

"މީގެ ކުރިން ސަރުކާރުތަކުން ވަން އޯފް ކޮށް ހިއްސާ ވިއްކާފައި ހުއްޓަސް މިސަރުކާރަކީ އެގޮތަށް ހިއްސާ ވިއްކާނެ ސަރުކާރެއް ނޫން. އެގޮތަށް ވިއްކާފައި ހުރި ހިއްސާ މި ސަރުކާރުން ގަންނާނަން. ގަނެގެން އޭގެ ފައިދާ ދައުލަތަަށް ވެސް ކުރާނެ." މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވަނީ ކުންފުނިތަކުގެ 100 ޕަސެންޓް ހިއްސާ ދައުލަތަށް ލިބިގެން ދިއުން ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކުން މިދިޔަ އަހަރު 600 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު މުނައްވަރު ވިދާޅުވީ މިއަހަރު 900 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް