ދިރާގު ރޯޑް ރޭހުގައި އެއްފަހަރު ބޭނުންކޮށް، އުކާލާ ޕްލާސްޓިކް ބޭނުންނުކުރުމަށް ދިރާގުން އެދެފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށްް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 2019 ވަނަ އަހަރުން ފެށިގެން މި ދުވުމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކޮށްފައިވާ ހަރަކާތެކެވެ.

ދިރާގުން ބުނި ގޮތުގައި، މިއީ ޑީއެމްއާރްއާރް މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި އާދަތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ. އެގޮތުން، އަންނަ ހުކުރު ދުވަހު ބާއްވާ މި އަހަރުގެ ދުވުމުގައި ވެސް ދުވުންތެރިންނަށް ފެން ފޯރުކޮށްދޭ ސްޓޭޝަންތަކުގައި ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަރުދާސް ތަށީގައި ކަމަށް ދިރާގުން ބުންޏެވެ.

މީގެއިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި، ރީ-ޔޫސް ކުރެވޭ ފެންފުޅި ގެންގުޅުމަށް ހުރިހާ ދުވުންތެރިންނަށްވެސް ދިރާގުން ވަނީ ބާރުއަޅާފައެވެ.

ދިރާގުން ފާހަގަކުރި ގޮތުގައި، މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 18،000 ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވައިދެއެވެ. އަދި، މިއީ ރާއްޖޭގެ ނާޒުކު ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށާއި، ޕްލާސްޓިކް ކުނި މަދުކުރުމަށް އެ ކުންފުނިން ކުރަމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ދިރާގުން ސިފަކުރިއެވެ.

މިއަހަރުގެ ދުވުމުގައި 5،600 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ އިރު، ޕްލާސްޓިކް ބޭނުންނުކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހްތިޔާރުކުރުމަށް ހުރިހާ ބައިވެރިންނަށް ވެސް ދިރާގުން ވަނީ ދައުވަތު އަރުވާފައެވެ.

comment ކޮމެންޓް