ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ކުންފުނި އާސަންދާގައި އިސްރާފުތަކެއް އެބަހުރި ކަމަށާއި އެކަން ދިރާސާ ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ތަސްފީލުތަކާ ބެހޭ ގޮތުން ބަޖެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ އާސަންދަ ހިނގާ ގޮތުން އިސްރާފުތަކެއް ވެސް އެބަހުރި ކަމަށެވެ. ނަމަވެސް އިސްރާފުތަކަކީ ކޮބައި ކަމާއި އޭގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ. ވިދާޅުވީ އެކަން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
އާސަންދަ ހިނގަމުންދާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މުނައްވަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ނިމުމުން އާސަންދައިން ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވިގެންދިޔައިމާ ސަރުކާރުން އާސަންދައަށް ކުރާ ހިދުމަތްތައް ކުޑަވެގެން ދާނެ. އެއީ އެތަނުން ގިނަ ހިދުމަތްތަކެއް ދޭން ފެށުމުން އެ ހިދުމަތް ހޯދަން ބޭރަށް ކުރާ ދަތުރުތައް ކުޑަވެގެން ދާނެ ކަމަށް ގަބޫލު ކުރެވެނީ،" މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.
މި އަހަރު ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅި އެންމެ ބޮޑު ސަބަބެއް ކަމަށް މުނައްވަރު ވިދާޅުވީ އާސަންދަ އަދި އެންސްޕާއިން ދެމުންދާ ހިދުމަތް ހުއްޓުމަކަށް އަތުވެދާނެތީ ކަމަށެވެ.
މި އަހަރަށް އެ ކުންފުންޏަށް ފާސްކުރި 450 މިލިއަން ރުފިޔާގެ ބަޖެޓަކީ، ހަރަދުވާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ މަދު އަދަދެއް ކަމަށާއި ދެން އޮތް ބައި ހަމަ ޖައްސަން ނިންމީ އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށް ކަމަށް މުނައްވަރު ވިދާޅުވި އެވެ.
ނަމަވެސް ބައެއް ސަބަބުތަކާ ހެދި އާސަންދަ ކުންފުންޏަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ މަދުވީ ކަމަށް މުވައްވަރު ވަނީ މިއަދު ކޮމިޓީގައި ވިދާޅުވެފަ އެވެ.
މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގެ ޖުމްލަ އަދަދަކީ 493 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭން 300 މިލިއަން ރުފިޔާ ވަނީ ސިއްހީ ހިދުމަތްތަކަށް ހާއްސަކޮށްފަ އެވެ. އޭގެތެރޭގައި އާސަންދަ ވެސް ހިމެނެ އެވެ.