އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިޤްތިޞާދު ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި 12.3 އިންސައްތަ ދަށަށް ގޮސްފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މި މަހުގެ ތިންވަނަ ދުވަހު އާންމުކުރި މާކެޓް އަގުތަކަށް ބަލާއިރު، ދެވަނަ ކުއާޓަރުގެ ރިއަލް ޖީޑީޕީ ހުރީ 25 ބިލިއަން ރުފިޔާގައެވެ. މިއީ ކުރީ ކުއާޓަރުގެ 29 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިއީ 2019 ގެ އަސާސީ އަހަރަށް ބަދަލުކުރި ފަހުން ކުއާޓަރަކުން ކުއާޓަރަށް އިޤްތިޞާދު މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ރިއަލް ޖީޑީޕީ ވަނީ 0.03 އިންސައްތަ ނުވަތަ 7.3 މިލިއަން ރުފިޔާގެ ކުޑަ ކުރިއެރުމެއް ހޯދާފައެވެ.
އިޤްތިޞާދު އެންމެ ބޮޑަށް ދަށަށް ދިޔުމަށް މެދުވެރިވީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ އެކޮމޮޑޭޝަން އަދި ފުޑް ސާވިސަސް ނުވަތަ ފަތުރުވެރިކަމުގެ ދާއިރާއަށް އައި ހީނަރުކަމުގެ ސަބަބުންނެވެ. މި ދާއިރާގެ ގްރޮސް ވެލިއު އެޑެޑް (ޖީވީއޭ) ވަނީ ކުރީ ކުއާޓަރާ އަޅާބަލާއިރު 34.1 އިންސައްތަ އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.3 އިންސައްތަ ދަށަށް ގޮސް، 4.6 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.
ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރާ މާފުށީ -- ފޮޓޯ; ޓްރިޕްއެކްސެލްއެމްބީއެސްގެ ހިސާބުތައް ދައްކާ ގޮތުން މިއީ ޓޫރިސްޓް ބެޑްނައިޓްސްގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔުމުން ވީ ގޮތެކެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 1.6 މިލިއަން ބެޑްނައިޓްސް ދަށްވެފައިވެއެވެ. މި ދަށަށް ދިއުމާއެކު ވެސް ޖީޑީޕީގެ އެންމެ ބޮޑު ހިއްސާއެއް (18.1 އިންސައްތަ) އަދިވެސް އޮތީ މި ދާއިރާގައެވެ.
ދަތުރުފަތުރާއި މުވާސަލާތީ ދާއިރާ ވެސް ވަނީ ކުރީ ކުއާޓަރާ އަޅާބަލާއިރު 16.8 އިންސައްތަ އަދި އަހަރުން އަހަރަށް ބަލާއިރު 1.2 އިންސައްތަ ދަށަށް ގޮސްފައެވެ.
އިޤްތިޞާދުގެ ބައެއް ދާއިރާތަކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އިމާރާތްކުރުމުގެ ދާއިރާ ވަނީ ކުރީ ކުއާޓަރާ އަޅާބަލާއިރު 19.1 އިންސައްތަ އަދި އަހަރުން އަހަރަށް ބަލާއިރު 33.7 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
އަދި މާލީ ޚިދުމަތްތަކުގެ ދާއިރާ ވެސް ވަނީ އަހަރުން އަހަރަށް 21.7 އިންސައްތަ ކުރިއަރާފައެވެ. މީގެއިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވަނީ އަހަރުން އަހަރަށް 14.4 އިންސައްތަ ކުރިއަރާފައެވެ.
މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު އެންމެ ބޮޑަށް ދަށަށް ދިޔަ ދާއިރާއެވެ. މި ދާއިރާގެ ޖީވީއޭ ވަނީ އަހަރުން އަހަރަށް 50.8 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް ކުރީ ކުއާޓަރާ އަޅާބަލާއިރު މި ދާއިރާ ވަނީ 2.1 އިންސައްތައިގެ ކުޑަ ކުރިއެރުމެއް ހޯދާފައެވެ.
ނޮމިނަލް ގޮތުން ބަލާއިރު، މި ކުއާޓަރުގެ ޖީޑީޕީ ހުރީ 29 ބިލިއަން ރުފިޔާގައެވެ. މިއީ ފާއިތުވި އަހަރަށްވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެއް ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 17.4 އިންސައްތަ (6 ބިލިއަން ރުފިޔާ) ގެ ދަށްވުމެކެވެ. މުޅި އިޤްތިޞާދުގެ އަގުތަކަށް އަންނަ ބަދަލު ދައްކުވައިދޭ "އިމްޕްލިސިޓް ޕްރައިސް ޑިފްލޭޓާ" ހުރީ 115.7 ގައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 4.6 އިންސައްތައިގެ މަތިވުމެކެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ހިސާބުތައް އާންމުކުރުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރުގައެވެ.