ނ. އަދި ރ. އަތޮޅުގައި ބައިނަލް އަގުވާމީ އެއާޕޯޓެއް އަޅާނަން: ރައީސް

މީދޫގައި ކުރިއަށްދިޔަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވަނީ --ފޮޓޯ/ ރައީސް އޮފީސް

ނ. އަތޮޅުގައްޔާއި ރ. އަތޮޅުގައި ބައިނަލް އަގުވާމީ އެއާޕޯޓެއް އަޅަން ނިންމާފައިވާ ކަަމަށް ރައީސުލްޖުމުހިއްރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ މީދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅެއްގައި ބައިނަލްއަގުވާމީ ދެ އެއާޕޯޓް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ނ. އަތޮޅުގައި ތަރައްގީ ކުރާ ބައިނަލް އަގުވާމީ އެއާޕޯޓް އެޅުމުގެ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި އެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މަސައްކަތް ކުރަން ފަށާތާ ހަ މަސް ދުވަސް ތެރޭ އެއާޕޯޓް އެއްކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނ. އަތޮޅުގައި އެއާޕޯޓެއް އެބަ އަޅަން. އެއީ ދިވެހި ސަރުކާރުގެ ބަޖެޓަކުން ނޫން. އެއީ ބޭރުގެ ފަރާތެއްގެ ދީލަތި އެހީއާއެކު އަޅާ އެއާޕޯޓެއް. ނ. މާފަރުގައި އެއާޕޯޓެއް އެޅުމުގެ ހުރިހާ މަސައްކަތެއް އެވަނީ ނިމިފަ. އަޅުގަނޑުމެންނަށް ކަށަވަރުކަން އޮތީ މަސައްކަތް ފަށާތާ 6 މަސް ދުވަސް ތެރޭގައި އެއާޕޯޓް ނިމޭނެ ކަަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ރަށުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އޭޅުމަކީ ހުރިހާ ކަމެއް ނިމިފައިވާ މަޝްރުއުއެއް ކަމަށާއި އެކަން އަވަސް މުސްތަގުބަލެއްގައި ވެގެންދާނެ ކަމަށެވެ.

ރ. އަތޮޅަކީ ފަތުރުވެރިކަމުގެ މުސްތަގުބަލު އޮތް އަތޮޅެއްކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ އެ އަތޮޅުގައި ވެސް ބައިނަލް އަގުވާމީ އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައިވާ ކަން އިއުލާން ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރ. އަތޮޅަށް އަންނަ ފަތުރުވެރިން ކޮންމެހެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ނުޖެހޭ ކަަމަށެވެ.

"ޝައްކު ނުކުރައްވާތި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރ. އަތޮޅުގައި ހުރި ވަސީލަތްތަކަށް ބަލާކަމަށްވާނަމަ ބައިނަލްއަގުވާމީ އެއާޕޯޓެއް ހައްގު އަތޮޅެއް. އިރާދަކުރެއްވިޔާ އެ އެއާޕޯޓަކީ ރ. އަތޮޅުގައި ގާއިމުވެގެންދާނެ އެއާޕޯޓެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަދި ހަމައެކަނި އެއާޕޯޓެއް އަޅައިގެން ނިންމަވާ ނުލައްވާނެ ކަމަށާއި މި ސަރުކާން އުންމީދު ކުރަނީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ކޮށްދެއްވުމަށް ކަމަށެވެ.

ރ. އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯތެއް ތަރައްގީ ކުރައްވާ ވާހަކަ ވިދާޅުވި ނަމަވެސް އެ އެއާޕޯޓް ގާއިމު ކުރައްވާނީ ކޮން ރަށެއްގައި އަދި އަމަލީ މަސައްކަތް ފައްޓަވާނީ ކިހާތާކު ކަމެއް ވިދާޅެއް ނުވެއެވެ.

ރ. އަތޮޅު އިފުރުގައި މިހާރު ވެސް ޑޮމެސްޓިކް އެއާޕޯޓެއް އަންނަނީ ހިންގަމުންނެވެ. އެ އެއާޕޯޓްގެ މަސައްކަތް ނިންމަވާ ހުޅުއްވާދެއްވީ ވެސް ރައީސް އަބްދުﷲ ޔާމިނެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ނ. އަދި ރ. އަތޮޅުގައި އަޅާ އެއާޕޯޓްގެ އިތުރުން ށ. ފުނަދޫ އަދި ހދ . ކުޅުދުއްފުށީގައި ވެސް އެއާޕޯޓް އަވަސް މުސްތަގުބަލެއްގައި އެޅިގެންދާނެ ކަން ޔަގީންކޮށް ދެއްވާފައެވެ.

comment ކޮމެންޓް