އިސްލާމީ ތަގުރީރު ދެއްވުމުގައި ދުނިިޔޭގައި މަޝްހޫރުކަން ހޯދާފައިވާ އިންޑިއާގެ ދީނީ އިލްމުވެރިޔާ، ޑރ. ޒާކިރު ނައިކް، ޓެރަރިޒަމަށް ވާގިވެރިކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ކުރުމަށް މިހަފުތާގައި ކޯޓަށް މައްސަލަ ހުށަހެޅުމަށް އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އެންއައިއޭ) އިން ތައްޔާރުވެއްޖެއެވެ.
އެންއައިއޭއިން ބުނީ ޒާކިރު ނައިކުގެ މައްސަލަ މިހާރު ތަހުގީގު ކޮށް ނިމިފައިވާ ކަމަށާއި އަދި އެ މައްސަލަ އިންޑިއާގެ ހާއްސަ ކޯޓަކަށް މި ހަފުތާގައި ހުށަހަޅާނެ ކަމަށެވެ.
ޓެރެރިޒަމަށް ހިތްވަރުދިނުމާއި އަދި މަނީ ލޯންޑްރީންގެ އިލްޒާމް ޒާކިރު ނައިކުގެ ބޮލުގައި އަޅުވައިފައި ވާއިރު މިދިޔަ އަހަރުގެ ޖުލައިމަހުން ފެށިގެން އޭނާ އުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައެވެ.
ޒާކިރު ނައިކް ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަންތައްތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އިންޑިއާއިން ޒާކިރު ނައިކުގެ ޕާސްޕޯޓު ކެންސަލްކޮށްފައި ވާއިރު އޭނާގެ އެންޖީއޯ އާއި ދީނީ ޗެނަލް ޕީސް ޓީވީ ވެސް ވަނީ މަނާކޮށްފައެވެ.
ގައުމުން ބޭރުގައި އާންމުކޮށް ސައުދީ އަދި މެލޭޝިއާގައި ޒާކިރު ނައިކް އުޅުއްވާއިރު ޒާކިރު ނައިކަށް ސައުދީގެ ރައްޔިތުކަން ދީފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާއިން ވަނީ ތަހުގީގަށް އެއްބާރުލުމަށްޓަކައި ޒާކިރު ނައިކް އަނބުރާ ގައުމަށް ވަޑައިގަތުމަށް އަންގައިފައެވެ. ނަމަވެސް އަނބުރާ އިންޑިއާއަށް ވަޑައިގަތުމަށް ޒާކިރު ނައިކް ވަނީ ދެކޮޅު ހައްދަވައިފައެވެ.