ސަޕްލިމެންޓްރީ ބަޖެޓުގެ ފައިސާގެ އަދަދަކީ 493 މިލިއަން ރުފިޔާ: މިނިސްޓަރު

މިދިޔަ އަހަރު ބޭއްވި ބަޖެޓް ކޮމެޓީގައި ފިނޭންސް މިނިސްޓަރު: މިއަހަރަށް ހަރަދު ކުރާވަރު 27 ބިލިއަން ރުފިޔާއަށް އަރާނެ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން މިއަހަރު އިތުރަށް ކުރަންޖެހޭ ހަރަދުތަކާ ގުޅިގެން، މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައިވާ ފައިސާގެ ޖުމްލަ އަދަދަކީ 493 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ފައިސާގެ ޖުމްލަ އަދަދު މިނިސްޓަރު މުނައްވަރު "ސަން"އަށް ވިދާޅުވެފައި ވަނީ އެ ބަޖެޓް މާދަމާގެ ޖަލްސާއަށް ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށެވެ. އެ ބަޖެޓު ހާއްސަކޮށްފައިވާ ދާއިރާތަކާއި ހުށަހަޅަންޖެހުނު ސަބަބެއް މިނިސްޓަރު އަދި ވިދާޅެއް ނުވެ އެވެ.

މާދަމާ ހެނދުނު 9:00ގައި ފަށާ މަޖިލީހުގެ ޖަލްސާގެ އެންމެ ފުރަތަމަ އައިޓަމެއްގެ ގޮތުގައި ވެސް އޮތީ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމެވެ. އެ ބަޖެޓް މަޖިލީހަށް އިއްވަވާނީ މިނިސްޓަރު މުނައްވަރެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެއް މިދިޔަ އަހަރު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އެ ބަޖެޓަކީ މިއަހަރަށް ލަފާކޮށް، ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުން ފާސްކޮށްފިނަމަ، މިއަހަރަށް ދައުލަތުން ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދު 27.1 ބިލިއަނަށް އަރާނެ އެވެ.

comment ކޮމެންޓް