އެކްސިޑެންޓުގައި އަނިޔާވި ފުލުސް މީހާގެ މޫނުގެ ސާޖަރީއެއް ހަދަނީ

ނަދީމް އިންޑިއާގެ ހޮސްޕިޓަލުގައި

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފުލުސްމީހާގެ މޫނުގެ ސާޖަރީއެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ވިލިނގިލީ އުތުރު ފަރާތު، ފަޅުތެރޭގައި އޮންނަ ގއ. ރައިވެއްރެހާގައި މިދިޔަ ބުރާސްފަތި ދުވަހު ގެނބުނު ދެމަފިރިން ސަލާމަތް ކުރުމަށް ދިޔަ މަގުމަތީގައި އެކްސިޑެންޓުވެ، ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ފުލުހުންގެ ލާންސްކޯޕްރަލް އަހުމަދު ނަދީމެވެ.

ނަދީމްގެ އާއިލާއިން ބުނީ ނަދީމްގެ އިންޑިއާގެ ކޮޗިންގެ އެސްޓާ މެޑިސިޓީ ހޮސްޕިޓަލުގައި ނަދީމުގެ މޫނުގެ ސާޖަރީ ހަދާނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ.

އެކްސިޑެންޓުގައި ބޮލަށް އަނިޔާވުމުގެ ސަބަބުން އިތުރު ޓެސްޓުތައް ހެދުމަށް ނަދީމް މާލެ ގެނައީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި މާލެއިން ސީޓީ ސްކޭން ހެދުމަށް ފަހު ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ލަފާދީފައިވާ ކަމަށް ނަދީމްގެ އާއިލާއިން ބުންޏެވެ.

ނަދީމްގެ އާއިލާއިން ބުނީ އެކްސިޑެންޓުގައި ނަދީމްގެ ދަތްދޮޅި އާއި ލޮލުގެ ތިރީގެ ކަށިގަނޑުތައް "ޑިސްލޮކޭޓް" ވެފައިިވުމުގެ ސަބަބުން މޫނުގެ ސާޖަރީއެއް ހެދުމަށް އިންޑިއާގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ.

ނަދީމްގެ ހާލު މިހާރު ރަނގަޅު ކަމަށާއި އަދި މޫނުގެ ދުޅަކަން ވަރަށް ބޮޑަށް ގޮސްފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. އަދި ނަދީމަށް މިހާރު ވާހަކަ ދެއްކޭ ކަމަށާއި އަދި އޭނާއަށް ދެމުން ގެންދަނީ ހަމައެކަނި ދިޔާތަކެތި ކަމަށް ވެސް އާއިލާއިން ބުންޏެވެ.

comment ކޮމެންޓް