ނޯވޭ ސަރުކާރުގެ މުހިންމު އިސް މަގާމުތަކަށް ކަނބަލުން

ނޯވޭގެ ކެބިނެޓަށް އަލަށް އައްޔަނު ކުރެވުނު ބައެއް މިނިސްޓަރުން

ބަވަނަވަމުންދާ ދުނިޔޭގައި އެންމެ އަޑުހަރުކޮށް ދެކެވޭ ވާހަކަ އަކީ މިންތީގެ ހަމަހަމަކަން ގާއިމް ކުރަން ޖެހޭ ވާހަކަ އެވެ. އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތު ކުރުންތައް ހުރި ނަމަ، އެ ތަފާތުކުރުންތައް ނައްތާލަން ޖެހޭ ވާހަކަ އެވެ. އަންހެނުން ބާރުވެރި ކުރުވުމާއި ޒިންމާދާރު މަގާމުތަކަށް ކަނބަލުން އިންތިހާބުކޮށް، އައްޔަން ކުރަން ޖެހޭ ވާހަކަ އެވެ. ދުނިޔޭގެ ގައުމުތަކަށް ބަލާ އިރު މިކަމުގައި ކުރިއެރުންތަކެއް ލިބޭކަން ފާހަގަ ކޮށްލެވެ އެވެ. މި ލިސްޓަށް އެންމެ ފަހުން އަރާފައި ވަނީ ނޯވޭގެ ސަރުކާރުގެ މުހިންމު ތިން މަގާމަކަށް އައްޔަން ކުރެވުނު ތިން ކަނބަލެކެވެ.

އެ ގައުމުގެ ޕްރައިމް މިނިސްޓަރަކީ މިހާރު އަންހެނެކެވެ. އާނާ ސޮލްބާރގްއާ އެކު އެ ކަމަނާގެ ކެބިނެޓްގައި ފޮރިން މިނިސްޓަރުގެ މަގާމު ދެއްވާފައި ވަނީ އީން އެރިކްސަނަށެވެ. ނޯވޭގެ ފިނޭންސް މިނިސްޓަރަކަށް ވެސް އިއްޔެ އައްޔަން ކޮށްފައި ވަނީ އަންހެނެކެވެ. ޕްރައިމް މިނިސްޓަރާއި ފޮރިން މިނިސްޓަރާ އެކު ކެބިނެޓްގައި އިންނަވާނެ ފޮރިން މިނިސްޓަރަކީ ސިވް ޖެންސެން އެވެ.

ނޯވޭގެ ސަރުކާރުން ބުނީ، އަންހެނުންގެ ހައްގުތައް ކުރިއަރުވައި އަންހެނުން ބާރުވެރި ކުރުވުމަށް ބާރުއަޅާ މި ޒަމާނުގައި އެ ގައުމުގެ ކެބިނެޓްގެ މުހިންމު ތިން މަގާމަކަށް ކަނބަލުން އައްޔަން ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ކެބިނެޓްގެ މުހިންމު ތިން މަގާމުގައި ކަނބަލުން ތިއްބަވާ ފުރަތަމަ ގައުމަށް ނޯވޭ ނުވި ނަމަވެސް، މިއީ ނޯވޭގެ ތާރީހުގައި ފާހަގަ ކޮށްލެވޭނެ ދުވަހެއް. މިއީ މި ގައުމަށް ލިބުނު ކާމިޔާބީއެއް،" އެ ގައުމުގެ ޕްރައިމް މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.

ނޯވޭގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެވުނު އީން އެރިކްސަނަކީ 2013 ވަނަ އަހަރު ކޮންޒަވޭޓިވް ރައިޓް އަށް ހަނި ގޮތަކަށް އިންތިހާބުން ލިބުނު ކާމިޔާބީއަކާ އެކު ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރެވުނު ބޭކަނބަލެކެވެ. އެ ކަމަނާ އަކީ ޔުނިވާސިޓީ ދައުރުއްސުރެ ކޮންޒަވޭޓިވް ޕާޓީގެ އިސް އެކްޓިވިސްޓެކެވެ. ސިޔާސީ ދާއިރާ އަށް ރަސްމީކޮށް ނުކުމެ ވަޑައިގަތުމުގެ ކުރިން ޓީވީ ޕްރޮޑިއުސަރެއްގެ ގޮތުގައްޔާއި ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ނޯވޭ ފާހަގަ ކުރެވެނީ މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގަ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓުގައި ނޯވޭ އަށް ވަނީ ތިންވަނަ ލިބިފަ އެވެ.

comment ކޮމެންޓް