ގޭގައި ތިބެގެން ވިޔަފާރިކުރާ އަންހެންވެރިންގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމުގެ ފުރުސަތު، ކޮންމެ ހަފުތާ ބަންދެއްގައި ހިޔަލަ ވީކެންޑް މާރުކޭޓުން ލިބުމާއެކު އަންހެން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ވަނީ ފަހިވެފައެވެ.
ދިވެހި އަންހެން ވިޔަފާރިވެރިން އުފައްދާ ތަކެތި ވިއްކުމަށް ހާއްސަކޮށް ހުޅުމާލޭގެ ވަކި ސަރައްދެއް ކަނޑައަޅައި، އަންހެން ވިޔަފާރިވެރިންނަށް ފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ހަފުތާ14ގެ ވައުދުފުޅެކެވެ.
އެގޮތުން، ޖުމުލަ 10 ސްޓޯލާއެކު ކުރިއަށްދާ މި މާރުކޭޓު އޮންނާނީ ކޮންމެ ހަފުތާ ބަންދެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލެ ކޮންޓެއިނާ ޕާކު ސަރަހައްދުގައެވެ.
މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޖާގަ ދޫކުރާނީ ކުޑަ ކުއްޔަކަށް ކަމަށް މާރުކޭޓް ހުޅުވައިދެއްވަމުން ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.
އެއީ، ކޮންމެ ހަފުތާ ބަންދަކަށް ސްޓޯލެއް 300 ރުފިޔާއަށެވެ. އެ ކަމަށް ޚާއްސަ ފޯމު މެދުވެރިކޮށް ސްޓޯލް ބުކްކުރެވޭނެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ބޮޑު ކުލީގައި ޖާގައެއް ކުއްޔަށް ނަގައިގެން ވިޔަފާރިކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންވެ، ގޭގައި ތިބެގެން ވިޔަފާރިކުރާ އަންހެންވެރިންނަށް މިއީ ލިބުނު ރަނުގެ ފުރުސަތެކެވެ.
"އަޅުގަނޑުމެން ކަހަލަ ގޭގައި ތިބޭ މީހުންނަށް ނިކުންނަން އަސްލު ފުރުސަތެއް މި ލިބުނީ. އަޅުގަނޑުމެންނަކަށް ނޯވޭ ވިއްކާނެ ތަނެއް. އެހާ ފަސޭހައެއް ނޫން ތަނެއް ހުޅުވާކަށް. އެހެންވީމާ، މިކަހަލަ ތާކުން މީހުންނަށް އެއްޗެހި ޕްރޮވައިޑް ކުރުމަށް ފުރުސަތެއް މި ލިބުނީ. އަޅުގަނޑު ވަރަށް އުފާވޭ." ގޭގައި ކޭކާއި ކަޕްކޭކް ތައްޔާރުކޮށް އެކަމުގެ ވިޔަފާރިކުރާ އަންހެން ވިޔަފާރިވެރިއެއް ބުންޏެވެ.
ހިޔަލަ ވީކެންޑް މާރުކޭޓުގެ ފުރަތަމަ މާރުކޭޓުގެ ސްޓޯލްތަކުން ވެސް އަންހެން ވިޔަފާރިވެރިންގެ ހުނަރު ފާހަގަވެގެން ދިޔައެވެ.
ދިވެހި ލިބާސްތަކާއި، ރާއްޖޭގެ ތިމާވެށިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ގަހަނާ އާއި މީރު ކާބޯތަކެތިން ސްޓޯލްތައް އޮތީ ފުރާލާފައެވެ.
ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމައެކަނި އަންހެނުންނަށް ޚާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެކަމަށް ވެސް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.