ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވާއިފި

އެ މަސައްކަތުބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމުގެ ޝައުގުވެރިކަން ހުރި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ޖެންޑަ މިނިސްޓްރީން އިސްނަގައިގެން މަސައްކަތު ބައްދަލުވުމެއް އިއްޔެ ބާއްވައިފިއެވެ.

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިއްޔެ ބޭއްވި މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ހަފުތާ14ގެ މަގުޗާޓާ އެއްގޮތަށް، 'ސިޔާސީ މައިދާނުގައި އަންހެނުން' ނަމުގައެވެ.

އެ ބައްދަލުވުމުގައި އެ ވުޒާރާގެ އިތުރުން ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމާއި އިލެކްޝަންސް ކޮމިޝަނާއި، ވިމަން އިން ޓެކްގެ އިތުރުން ހޯޕް ފޯ ވިމަން އިން ބައިވެރިވިއެވެ. އަދި މުހިންމު ސެޝަންތަކެއް ނަގައިދީފައި ވެއެވެ.

މިގޮތުން، ސިޔާސީ މައިދާނުގައި އަންހެނުން ކާމިޔާބު ހޯދުމަށް ބޭނުންވާ މުއާސަލާތީ ހުނަރުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާއެވެ.

އެއަށްފަހު، ޑިމޮކްރެޓިކް ގަވަނަންސާއި، އިންސާނީ ހައްޤުތަކާއި ގުޅޭގޮތުން ސެޝަނެއް ވެސް ނަގައިދިނެވެ. މީގެ އިތުރުން، ނެޓްވޯކިންއާއި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މައުލޫމާތު ދެއްވީ ވިމެން އިން ޓެކްގެ ފަރާތުން ނަހްޒާ އިބްރާހިމެވެ.

ހަމައެއާއެކު ގާނޫނު ހެދުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތުމުގެ މުޙިއްމުކަމަށް އަލިއަޅުވާލުމުގެ ގޮތުން ސެޝަން ނަންގަވައިދެއްވީ ޔޫއެންޑީޕީގެ ފަރާތުން އުމަރް މަވީ އަލީއެވެ. އަދި، ޖެންޑާ ޗެމްޕިއަނަކަށް ވުމަށް ބޭނުންވާ ވިސްނުމާއި ހުނަރުތަކާއި ގުޅޭގޮތުން ހޯޕް ފޯ ވިމެންގެ ފަރާތުން އަހްމަދު އަންވަރު ވަނީ މައުލޫމާތު ދެއްވައިފައެވެ.

އެ ވުޒާރާއިން ބުނިގޮތުގައި މި މަސައްކަތު ބައްދަލުވުން ބައްޓަން ކުރެވިފައިވަނީ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުމާއި، ތަމްސީލުކުރުމާއި، އިސްނެގުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބޭނުންވާ ޢިލްމާއި ހުނަރު ބައިވެރިންނަށް ހޯދައިދިނުމަށް ބޮޑު އިސްކަމެއްދީގެންނެވެ.

މީގެ އިތުރުން، އަންހެނުން ބާރުވެރިކޮށް ބިނާކުރުމަށް މުޖުތަމައުގެ އެންމެހާ ފަރުދުންނާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް އެ ވުޒާރައިން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމަށް ބުންޏެވެ.

comment ކޮމެންޓް