ޝީގެ ތަގުރީރަށް "އަތްތިލަބަޑިޖަހާ" ގޭމަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެ

ރައީސް ޝީ ކޮންގްރެސް ފެއްޓެވުމުގެ ގޮތުން ދެއްވި ތަގުރީރު ވަނީ ތިން ގަޑި އިރަށް ވުރެ އިތުރަށް ދެމިގެންގޮސްފަ -- ފޮޓޯ: ގެޓީ

ބެއިޖިން (އޮކްޓޯބަރު 21): ޗައިނާގައި މިދިޔަ ބުދަ ދުވަހު ފެށި ކޮމިއުނިސްޓް ޕާޓީ ކޮންގްރެސްގައި އެގައުމުގެ ރައީސް ޝީ ޖިންޕިން ދެއްވި ތަގުރީރަށް 'އަތްތިލަބަޑިޖަހާ' މޮބައިލް ގޭމެއް އެގައުމުގެ ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފި އެވެ.

ޗައިނާގެ ޓެކް ކުންފުނި ޓެންސެންޓުން ތައާރަފް ކުރި އެގޭމުން އެންމެ ފުރަތަމަ ދައްކަނީ ރައީސް ޝީގެ ތަގުރީރުގެ ބަޔެކެވެ. އެއަށް ފަހު ފޯނުގައި ޓެޕްކޮށްގެން ވީހާވެސް ގިނައިން އަތްތިލަބަޑިޖަހަން 19 ސިކުންތު ދެ އެވެ.

'އެކްސެލެންޓް ސްޕީޗް: ކްލެޕް ފޯ ޝީ ޖިންޕިން'ގެ ނަން ދީފައިވާ އެގޭމު ރިލީޒް ކުރިތާ ތިން ދުވަސް ތެރޭ 1.2 ބިލިއަން ފަހަރު ޗައިނާގައި އެގޭމު ކުޅެފައިވެ އެވެ. އެގޭމުގެ އިތުރުން، ކޮމިއުނިސްޓު ޕާޓީ ކޮންގްރެސްއާ ދިމާކޮށް، ޕާޓީއަށް އޮތް ތާއިދު ބަލާ 100 އަށް ވުރެ ގިނަ އެޕް އެގައުމުގައި ނެރެފައިވެ އެވެ.

އެގޭމުގައި ޖެހެނީ ފޯނުގައި ޓެޕްކޮށްގެން 19 ސިކުންތު ތެރޭ ވީހާވެސް ގިނައިން އަތްތިލަބަޑިޖަހަން -- ފޮޓޯ: ގެޓީ

ހަފްތާއަކަށް ދެމިގެންދާ ކޮމިއުނިސްޓް ޕާޓީ ކޮންގްރެސް އަންގާރަ ދުވަހު ނިމޭ އިރު ޗައިނާގެ ސިޔާސީ މިސްރާބު އޮތް ގޮތާއި، ދެން އެގައުމުގެ ވެރިކަމުގައި އިސްކޮށް ތިއްބަވާނީ ކޮންބައެއް ކަން އެނގިގެންދާނެ އެވެ. އަދި ދެވަނަ ދައުރަކަށް ޗައިނާގެ ރައީސަކަށް އައްޔަން ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ރައީސް ޝީ ވަނީ ކޮންގްރެސް ފެއްޓެވުމުގެ ގޮތުން ތިން ގަޑި އިރަށް ވުރެ އިތުރަށް ދެމިގެން ދިޔަ ތަގުރީރެއް ދެއްވައިފަ އެވެ.

އެތަގުރީރުގައި ރައީސް ޝީ ވަނީ ޗައިނާގެ އިގްތިސާދީ އަދި ސިޔާސީ ނިޒާމަކީ ދުނިޔޭގައި އޮތް އެންމެ ރަނގަޅު ނިޒާމު ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިނިވަންކަމާ އެކު އިގުތިސާދު ކުރިއެރުވުމަށް ޓަކައި ޗައިނާއާ އެއްގޮތް ނިޒާމެއް ބޭނުން ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ޗައިނާގެ އިގުތިސާދީ އަމާޒުތައް ހިމެނޭ 'ޗައިނީސް ޑްރީމް' ހަގީގަތަކަށް ހެދުމަށް ޓަކައި އަމަލު ކުރާނެ ގޮތުގެ ޓައިމްޓޭބަލެއް ވެސް ރައީސް ޝީ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއަމާޒުތަކުގެ ތެރޭގައި 2021 ވަނަ އަހަރު އަންނަންވާ އިރަށް އެގައުމުން ފަގީރުކަން ނައްތާލުމާއި، 2049 އަންނަންވާ އިރަށް ޗައިނާއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ހިމެނެ އެވެ. (ބީބީސީ)

comment ކޮމެންޓް