ލެގޯ އާއި ރޮބޮޓިކްސް ފަދަ އިލްމުތައް އުނގަންނައިދޭ ލާނިން ސެންޓަރެއް ހުޅުވައިފި

ލެގޯ އާއި ރޮބޮޓިކްސް ފަދަ އިލްމުތައް އުނގައްނައިދޭ ސުޕަ ކިޑްސް ކާސްލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލެގޯ އާއި ރޮބޮޓިކްސް ފަދަ އިލްމުތައް އުނގަންނައިދޭ ލާނިން ސެންޓަރެއް މާލޭގައި ހުޅުވައިފިއެވެ.

ސްކޫލުގައި ކިޔަވައިދޭ އެއްޗެހީގެ އިތުރުން ކުދިންގެ އުނގެނުމާއި، ވިސްނުން ތަރައްގީކޮށް ކުރިއެރުވުމަށް އެހީވެދޭ ތަފާތު ހަރަކާތްތައް ހިމަނައިގެން ތަފާތު ހަރަކާތްތައް ހިންގާ އެ ސެންޓަރު ހުންނަނީ ބުރުޒުމަގު ހ. ފިޔެސްގައެވެ. "ސުޕަ ކިޑްސް ކާސަލް"ގެ ނަމުގައި ހިންގާ އެ ލާނިން ސެންޓަރުގައި ކިޔަވައި ދެއްވަނީ އެކަމުގެ ތައުލީމާއި ތަމްރީން ލިބިލައްވައިގެން ތިއްބެވި ޓީޗަރުންނެވެ.

ސުޕަ ކިޑްސް ކާސަލްގައި ޕްރީ ސްކޫލު އުމުރުން ފެށިގެން އުމުރުން 15 އަހަރުގެ ކުދިންނަށް ޕްރޮގްރާމްތައް ހިންގާ -- ފޮޓޯ/ ސުޕަ ކިޑްސް

ޕްރީ ސްކޫލު އުމުރުން ފެށިގެން އުމުރުން 15 އަހަރުގެ ކުދިންނަށް ސުޕަ ކިޑްސް ކާސަލްގެ ޕްރޮގްރާމްތަކުގައި ބައިވެރި ވެވޭނެއެވެ. އެ ސެންޓަރުގައި ކިޔަވައިދެނީ މަލްޓި ގްރޭޑްކޮށް ނުވަތަ އެކި އުމުރުގެ ކުދިން އެއްކޮށްލައިގެންނެވެ.

"އަޅުގަނޑުމެން ދެ ޕްރޮގްރާމެއް ހިންގަން. އެއީ މައިންޑް ބްރިކްސް އަދި ސްޓެމް. މައިންޑް ބްރިކްސް ޕްރޮގްރާމްގައި އޮންނާނީ ލެގޯ އެޑިއުކޭޝަނާއި ބޭސިކް އިލެކްޓޯރިނިކްސް އަދި ކޮމްޕިއުޓާ ކޯޑިން. ސްޓެމް ޕްރޮގްރާމަކީ އިންޖިނިއަރިން، ޓެކްނޮލޮޖީ އަދި މެތަމެޓިކްސް ކިޔަވައިދޭ ޕްރޮގްރާމެއް،" ސުޕަކިޑްސްގެ އޮފިޝަލެއް ވިދާޅުވިއެވެ.

ސުޕަ ކިޑްސް ކާސްލްގައި ޕްރީ ސްކޫލު އުމުރުން ފެށިގެން އުމުރުން 15 އަހަރުގެ ކުދިންނަށް ޕްރޮގްރާމްތައް ހިންގާ -- ފޮޓޯ/ ސުޕަ ކިޑްސް

މިއީ ރާއްޖޭގަައި ރޮބޮޓިކްސް އާއި ކޮމްޕިއުޓާ ޕްރޮގްރާމިން ފަދަ އިލްމުތައްް މިފަދަ ގޮތަކަށް އުނގަންނައިދޭ ފުރަތަމަ ފަހަރެވެ.

"އަޅުގަނޑުމެން ފާހަގަކޮށްލަން ސޯޝަލީ އިންއެކްޓިވް ކުދިންވެސް މިތަނަށް ގެންނަން ފެށުމުން ސޯޝަލީ އެކްޓިވް ވެގެންދާކަން،" މައިންޑް ބްރިކްސް އިން ކުރިއަށްދާ ކުދިންނަށް އަންނަ ކުރިއެރުމާ ގުޅޭގޮތުން އެތަނުން މައުލޫމާތު ދެއެވެ.

މައިންޑް ބްރިކްސްގައި ހުންނަ ސޮފްޓް ޖިމް: މިއީ ކުޑަކުދިންނާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ޖިމްއެއް -- ފޮޓޯ/ މައިންޑް ބްރިކްސް

މައިންޑް ބްރިކްސް އިން ބުނީ، ސުޕަ ކިޑްސް ކާސަލްގައި ސޮފްޓް ޖިމްއެއް ވެސް ހުންނާނެ ކަމަށެވެ. އެތަނުން ހިދުމަތް ލިބިގަންނަ ކުދިންގެ ބެލެނިވެރިންނަށް ފަސޭހަ ވަގުތުތަކެއްގައި ކުދިން ގެންގޮސް ހެދޭނެ ކަމަށާއި ސޮފްޓް ޖިމްގައި ހިދުމަތް ދެނީ ގަޑި އިރަށް ޗާޖް ކުރާ ގޮތަށް ކަމަށް މައިންޑް ބްރިކްސް އިން ބުނެއެވެ. އަގުތައް ކަނޑައަޅާފައި ހުންނާނީ ކުދިން އެތަނަށްދާ ދުވަސްތަކަށް ޗާޖް ކުރާގޮތަށް ކަމަށް ވެސް މައިންޑް ބްރިކްސް އިން މައުލޫމާތު ދެއެވެ.

މިހާރު މައިންޑް ބްރިކްސްގައި ދެ ޕްރޮގްރާމެއް ހިންގި ނަމަވެސް އެތަނުން ބުނީ ކުރިއަށް އޮތްތަނުގައި ސައިންސް ލެބްގެ ހިދުމަތާއި މިއުޒިކް ވެސް ކުދިންނަށް ކިޔަވައިދޭން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިތަން މި ހިންގަނީ ޑޭ ކެއާއެއްގެ ގޮތަކަށް ނޫން، މިއީ ލާނިން ސެންޓަރެއް. ސްކޫލު ނިންމާ ކުދިންނަށް ހާއްސަކޮށް އަޅުގަނޑުމެން ހުޅުވާލަން އިންޓާންޝިޕް ޕްރޮގްރާމްތައްވެސް." މި މަހުގެ 16 ވަނަ ދުވަހު ހުޅުވި މައިންޑް ބްރިކްސްގެ ފަރާތުން މައުލޫމާތު ދިނެވެ.

comment ކޮމެންޓް