އައިފޯން 8 އާއި 8 ޕްލަސްގެ ދިރާގުން ވިއްކަން ފަށައިފި

އައިފޯން 8 ޕްރީ އޯޑަރު ކުރިމީހުންގެ ތެރެއިން އެންމެ ފުރަތަމަ މީހާއާއި ފޯނު ހަވާލު ކުރަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން 8 އާއި 8 ޕްލަސް ދިރާގުން ޕްރީއޯޑަރު ދިން ފަރާތްތަކަށް ފޯން ވިއްކަން ފަށައިފިއެވެ.

ދިރާގުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ވެބްސައިޓުގައި ވަނީ އައިފޯން 8 އަދި އައިފޯން 8 ޕްލަސްގެ ޕްރީއޯޑަރު ނެގުމަށް ހުޅުވާލައިފަ އެވެ.

ދިރާގުން ފޯނު ގަތުމަށް ޕްރީ އޯޑާ ކުރި މީހުންނަށް ފޯނު ހަވާލުކޮށްފައި ވަނީ މިއަދު ދިރާގުގެ ހެޑް އޮފީސް ގައެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރު މާލެއިން ޕްރީ އޯޑާ ކުރި މީހުންނަށް އަތޮޅުތެރެއިން ވެސް މާލެއާ އެއް ގަޑިއެއްގައި ފޯން ލޯންޗްކޮށް ފޯން ހަވާލުކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ދިރާގުން ބުންޏެވެ.

އައިފޯން 8 ޕްރީ އޯޑަރު ކުރި މީހުން ފޯނާއި ހަވާލުވުމަށްޓަކައި ދިރާގުގެ ހެޑް އޮފީސް ބޭރުގައި ހަދާފައިވާ ކިއު -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ދިރާގުން ބުނީ އައިފޯން 8ގެ ޕްރީ އޯޑަރު ނެގުމަށް ހުޅުވާލި ފުރުސަތުގައި ވަރަށް ރަނގަޅު ތަރުހީބެއް ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ފަރާޓުން ލިބިފައިވާ ކަމަށެވެ. އެ މުއްދަތުގައި ފޯނު ޕްރީ އޯޑަރު ކުރައްވާފައިވާ ހުރިހާ މީހުނަށް ވެސް ފޯނު ހަވާލު ކުރައްވާނެ ކަމަށެވެ.

ދިރާގުން އައިފޯން 8 އަދި އައިފޯން 8 ޕްލަސް ވިއްކަން ހުޅުވާލައިފައި ވަނީ ދެ ގޮތަކަށެވެ. އެއީ 12 މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ޕްލޭންއަކާއި އެއްކޮށް ފައިސާ ދައްކާފައި ފޯން ގަތުމުގެ ޕްލޭނެކެވެ.

އައިފޯން 8 ޕްރީ އޯޑަރު ކުރިމީހުންނާ ހަވާލު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ދިރާގުން ބުނީ، އެ ކުންފުނިން އިންސްޓޯލްމަންޓަށް ނެގުމަށްޓަކައި 2999 ރުފިޔާ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ. އަދި އައިފޯން 8ގެ 64 ޖީބީ ފޯނެއް ނަމަ 12 މަސް ދުވަހަށް ބަހާލައިގެން 999 ރުފިޔާ މަހަކަށް ދައްކަން ޖެހޭ އިރު، އައިފޯން 8ގެ 256 ޖީބީ ފޯނެއްނަމަ 12 މަސް ދުވަހަށް ބަހާލައިގެން 1279 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.

އައިފޯން 8 ޕްލަސް 64 ޖީބީ ފޯނެއް ނަމަ 12 މަސް ދުވަހަށް ބަހާލައިގެން 1179 ރުފިޔާ ދައްކަން ޖެހޭއިރު އައިފޯން 8 ޕްލަސް 256 ޖީބީގެ ފޯނެއް ނަމަ 12 މަސް ދުވަހަށް ބަހާލައިގެން 1449 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން، އެކީ ފައިސާ ދައްކާފައި ފޯނު ނަގާ ނަމަ، އައިފޯން 8ގެ 64 ޖީބީ ވިއްކަނީ 14899 ރުފިޔާއަށް ވިއްކަން ހުރީއިރު އިއިފޯން 8 ގެ 256 ޖީބީގެ ފޯނެއް ވިއްކަނީ 18199 ރުފިޔާއަށް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، އައިފޯން 8 ޕްލަސްގެ 64 ޖީބީ ވިއްކަން ހަމަޖެހިފައިވާ އަގަކީ 16999 ރުފިޔާ އަށް ކަމަށާއި، 8 ޕްލަސްގެ 256 ޖީބީ ވިއްކަނީ 19،999 ރުފިޔާއަށް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން އައިފޯން 8 ގަންނަ މީހުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު ފަސް ޖީބީގެ ޑާޓާ ހިލޭ ދޭން ނިންމައިފާ ވާކަމާށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް