ދިރާގުގެ ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ކުންފުނިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ
(ޑީއެންއާރް) އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ، ކަސްޓަމާ ސާވިސަސް
އެންޑް ރީޖަނަލް އޮޕަރޭޝަންސް ، މަސްއޫދު އަލީއެވެ. އަދި ޑީއެންއާރްގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ
މިނިސްޓަރު އަޙްމަދު އާލީއެވެ.
ދިރާގުން ބުނީ މި ފަހުމުނާމާގައި ސޮއިކުރުމާއި ގުޅިގެން، ދިރާގުން ޑީއެންއާރު މެދުވެރިކޮށް، ޚިދުމަތްތަކަށް އެޕްލައިކުރުމަށް ޓަކައި ކަސްޓަމަރުން ހުށަހަޅާ ޤައުމީ އައިޑީ ކާޑުގެ ވެރިފިކޭޝަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ކަށަވަރުކޮށްދ،ީ ކުރިއަށްވުރެ ރަނގަޅުވެގެން ދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. ހަމައެއާއެކު ވަގުކޯލްތަކާއި ސްކޭމްތައް ހުއްޓުވަން ވެސް މަގުފަހިވާނެއެވެ.
މި ފަހުނާމާގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް އިތުރު ސަލާމަތްތެރިކަން ލިބިގެންދާނެކަމަށާއި ޑީއެންއާރުގެ ފުރިހަމަ އެއްބާރުލުން ދިރާގަށް އަބަދުވެސް ލިބޭނެކަމަށް ޑެޕިއުޓީ މިނިސްޓަރު އާލީ ވިދާޅު ވިއެވެ.
"ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ގުޅިގެން މިފަދަ މުހިންމު ޑިޖިޓަލް އިނީޝިއޭޓިވިއެއް ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ސަލަމާތްތެރިކަން ފޯރުކޮށްދ،ީ އެފަރާތްތައް އަޅުގަނޑުމެންނާ ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން ޔަޤީންވެގެން ދާނެ. އަދި މީގެ ސަބަބު ކަސްޓަމަރުންނަށް ޚިދުމަތްދޭ އިތުރު ޗެނަލްތައް ގާއިމުވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ މަގުތައް ހުޅުވިގެންދާނެކަން ޔަޤީން،" ދިރާގުގެ ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް ޑިރެކްޓަރު މަސްއޫދު އަލީ ވިދާޅުވިއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދ،ީ 'ޑިޖިޓަލް ރާއްޖެ' އަކަށް އެ ފަރާތްތައް ވާސިލްކޮށްދިނުމަށް ކަމަށެެވެ.