ލ. ގަމުގައި މާރާމާރީއެއް ހިންގައި ކުޑަ ކުއްޖަކު ޒަހަމްކޮށްލައިފި

ލ.ގަން: އެ ރަށުގައި ރޭ ވަނީ މާރާމާރީއެއް ހިންގައި ކުޑަ ކުއްޖަކު ޒަހަމްކޮށްލާފަ ---

ލ. ގަމުގައި ރޭ ހިންގި މާރާމަރީއެއްގައި 17 އަހަރުގެ ކުޑަ ކުއްޖެއް ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ރޭ 9:12 ކަން ހާއިރު ގަމުގައި މާރާމާރީއެއް ހިންގައިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މާރާމާރީގައި ޒަހަމްވި 17 އަހަރުގެ ކުއްޖަކަށް އެ ރަށު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާއިރު ޒަހަމްވި ކުއްޖާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ގަމު ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޝާހީން 'ސަން' އަށް ވިދާޅުވީ ރޭގެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ މުކުރިމަގު އަވަށު ކުއްޖެއް ކަމަށާއި އެ އަވަށުގެ މީހުން ޝައްކު ކުރަނީ އެ އަމަލު ހިންގީ ތުނޑީ އަވަށުގެ ގްރޫޕަކުން ކަމަށެވެ.

"ދެ ކުއްޖަކު ޖޯލީގައި އޮއްވައި ދެ ސައިކަލެއްގައި އައި ހަތަރު މީހެއްގެ ގްރޫޕްކުން ހަމަލާ ދިނީ. ޖޯލީގައި އޮތް އެއް ކުއްޖަކު ދުވެ ފިލުމުން އަތު ޖެހުނު ކުއްޖާއަށް ވަނީ ބޮޑު ވަޅިއަކުން ހަމަލާދީފަ،" އޭނާ ވިދާޅުވިއެވެ.

ޝާހީން ވިދާޅުވީ ހަމަލާގައި 17 އަހަރުގެ ކުއްޖާގެ އަތަށާއި މޫނަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައި ކަމަށެވެ.

comment ކޮމެންޓް