ޓީމެއްގެ ގޮތުގައި ރަނގަޅަށް ކުޅުމަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ބްރެޒިލް ތަރި ނޭމާ އާއެކު ރަހުމަތްތެރިކަމުގެ ގުޅުމެއް ބާއްވަން ނުޖެހޭ ކަމަށް އެ ކްލަބުގެ އުރުގުއާއީ ފޯވާޑް އެޑިންސަން ކަވާނީ ބުނެފިއެވެ.
މިސީޒަންގެ ކުރީކޮޅު ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗެއްގައި ލިބުނު ޕެނަލްޓީއެއް ޖެހުމަށް ނޭމާ އާއި ކަވާނީއާ ދެމެދު ދެބަސްވުންތަކެއް ވަނީ އުފެދިފައެވެ. އޭގެ އިތުރުން ހަމަ އެ މެޗުގައި ލިބުނު ހިލޭ ޖެހުމެއްގައި ވެސް ދެ ކުޅުންތެރިން ދޭތެރޭ އަރާރުންތަކެއް ވަނީ ހިނގައިފައެވެ.
އެ މައްސަލައާ މެދު ވާހަކަ ދައްކަމުން ކަވާނީ ބުނީ، މާޒީވެދިޔަ ކަންތައްތައް ހަނދާން ނެތިއްޖެ ކަމަށާއި ޓީމެއްގެ ގޮތުގައި ކުޅުމަށް ދެ ކުޅުންތެރިންނަކީ ރަހުމަތްތެރިންނަށް ވާން ނުޖެހޭ ކަމަށެވެ.
"ފުޓްބޯޅައިގައި އެކަހަލަ ކަންކަން ވެސް ދިމާވާނެ. އެކަން ހަނދާން ނައްތާލައި ޓީމެއްގެ ގޮތުގައި އެކަތިގަނޑަކަށް ވާން ވެސް މަސައްކަތް ކުރަން ޖެހޭ. ނަމަވެސް އަހަރެމެން މީ ރަހުމަތްތެރިންނަށް ވާކަށް މަޖުބޫރެއް ނޫން. ކޮންމެ ކުޅުންތެރިއެއްގެ ވެސް އަމިއްލަ ދިރިއުޅުމެއް އޮންނާނެ،" އޭނާ ބުންޏެވެ.
ކަވާނީ ބުނީ، އެންމެ މުހިންމު ކަމަކީ ޓީމަށްޓަކައި އެންމެ ރަނގަޅު ގޮތް އިހްތިޔާރު ކުރުން ކަމަށާއި ޕެނަލްޓީ ޖަހާނެ ކުޅުންތެރިއެއް ނިންމާނީ ޓީމުގެ ކޯޗު ކަމަށެވެ.
"އަހަރެން ދެކޭގޮތުގައި ޓީމާ ހަވާލުވެ ހުރި ކޯޗު ހުރިހާ ކަމަކަށް ވެސް ހައްލު ހޯދާނެ. އޭނާ އެ ނިންމުން ނިންމުމުން އެއާ މެދު ދެން ބަހުސެއް ނުކުރެވޭނެ. ނަމަވެސް އޭނާ ޕެނަލްޓީ އާމެދު އަދި ވަކި ގޮތެއް ނިންމިހެނެއް އަހަރެންނަށް ހިއެއް ނުވޭ،" އޭނާ ބުންޏެވެ.
އެ މައްސަލަތަކުގެ ތެރެއިން ޕެނަލްޓީ ޖެހުމުގެ ޒިންމާ ދޫކޮށްލާނަމަ، ކަވާނީއަށް އެއް މިލިއަން ޔޫރޯ ހުށަހަޅާ ގޮތަށް ނޭމާ ނިންމި ކަމަށް ހަބަރުތައް ފެތުރިގެންދިޔަ ނަމަވެސް ދާދި ފަހުން ޕީއެސްޖީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.