ފެނަކަ އާއި އެމްޕީއެލާއި ސްޓެލްކޯ އަދި އެމްއެމްޕީއާރްސީގެ ބިލިއަން ރުފިޔާގެ ކޮރަޕްޝަން ތަހުގީގު ނިންމައިފި

އޭސީސީގެ ރައީސް ލުތުފީ: ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީއަށް މައްސަލަތައް ހުށަހަޅާފައިވޭ--- ސަން ފައިލް ފޮޓޯ

ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގެ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތަހުގީގު ނިންމައި، އެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީއަށް ފޮނުވި ކޮރަޕްޝަންގެ މައްސަލަ ރައްދުވާ މީހުން، ކޮރަޕްޝަންގެ އަމަލު ހިންގާ ހިންގާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި، ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގަ އެވެ.

ހަތަރު ކުންފުނިތަކުން ހިންގި ކަމަށް ބުނާ ކޮރަޕްޝަން

  • ތެޔޮ ގަތުމުގައި ފެނަކައިން ކޮރަޕްޝަން ހިންގި
  • ޑޮލަރު ގަތުމުގައި ސްޓެލްކޯއިން ކޮރަޕްޝަން ހިންގި
  • އެމްޕީއެލްގެ ކޮރަޕްޝަނަކީ ނުއަގުގައި އުޅަނދުތަކެއް ގަތުން
  • އެމްއެމްޕީއާރްސީގެ އިތުރު ތަހުގީގުތަކާއެކު ކޮރަޕްޝަންގެ ދައުވާތައް 100 ވުރެ ގިނަ

އޭސީސީން މިއަދު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެ ހަތަރު ކުންފުނީގެ މައްސަލަތައް ބަލައި 239 ދައުވާއެއް ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވެ އެވެ.

އޭގެ ތެރެއިން އެންމެ ގިނައިން ދައުވާ ކުރުމަށް އެދި ފޮނުވާފައި ވަނީ ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ މައްސަލަތަކާ ގުޅޭ ދައުވާ އެވެ. އެގޮތުން ހަ ފަރާތެއްގެ މައްޗަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 99 ދައުވާ ކުރުމަށް އެދި ފޮނުވާފައިވެ އެވެ. އަދި އެ ހަ ފަރާތުގެ ތެރެއިން ތިން ފަރާތެއްގެ މައްޗަށް ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ 97 ދައުވާއެއް ކޮށްދިނުމަށް އެދިވެސް ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.

އޭގެ އިތުރުން އެ ހަ މީހުންގެ ތެރެއިން ހަތަރު މީހެއްގެ އަތުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 43 ދައުވާއެއް ކޮށްދިނުމަށް އެދި ޕީޖީއަށް ވަނީ ފޮނުވާފަ އެވެ.

ޕީޖީއަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެން ޖެހޭ ރުފިޔާގެ އެންމެ ބޮޑު ބައެއް ހިއްސާ ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގައި ހިންގާފައިވާ ކޮރަޕްޝަނާ ގުޅިގެންނެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

އެ މައްސަލައަކީ، ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ދޫކޮށްފައިވާ ރަށްތަކުން ލިބެންޖެހޭ ފައިސާ އާއި، އެ ރަށްތައް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެވެ.

ކޮރަޕްޝަނާ ގުޅިގެން ފެނަކައިން އެއް މިލިއަން ރުފިޔާ އަނބުރާ ދައުލަތަށް ލިބެންޖެހޭއިރު، ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ، ތެޔޮ ގަތުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހުގަ އެވެ.

އޭގެ އިތުރުން ސްޓެލްކޯގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ގަވާއިދާ ޚިލާފަށް ޑޮލަރު ގަނެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށްފަހުގަ އެވެ. އެ މައްސަލައިގައި ދައުލަތަށް ތިން މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އޭސީސީން ބުނެ އެވެ.

ފެނަކައާއި ސްޓެލްކޯގެ މައްސަލަވެސް ޕީޖީއަށް ފޮނުވާފައިވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.

އެމްޕީއެލްގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ، ބާ ތިން ދޯންޏަކާއި، ދެ ލޯންޗެއް އެ އުޅަނދުތަކުގެ އަގަށް ވުރެ ބޮޑުއަގުގައި ގަތްކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށްފަހުގަ އެވެ.

comment ކޮމެންޓް