ކޮންމެ ގައުމެއްގައިވެސް ދިވެހި ޕާސްޕޯޓު ކާޑުން ފައިސާގެ މުއާމަލާތް ކުރެވޭނެ: އިމިގްރޭޝަން

ރައީސް ޔާމީން ޕާސްޕޯޓް ކާޑު ތައާރަފްކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ޕާސްޕޯޓު ކާޑު މެދުވެރިކޮށް ފައިސާގެ މުއާމާލާތްތައް ކުރެވޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ިއިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިއަދު "ސަން" އަށް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޭޝް ކާޑުން ލިބޭ ހުރިހާ ޚިދުމަތެއް ޕާސްޕޯޓު ކާޑުން ލިބޭނެ ކަމަށާއި ޑެބިޓް ކާޑުގެ ގޮތުގައްޔާއި ކްރެޑިޓް ކާޑުގެ ގޮތުގައިވެސް އެ ކާޑު ބޭނުންކުރެވޭނެ ކަމަށެވެ.

"ވިސާ ކާޑުން ރާއްޖެއިން ބޭރަށްގޮސް ފައިސާ ނެގޭގޮތަށް، ޕާސްޕޯޓު ކާޑުން ވެސް ރާއްޖެއިން ބޭރަށްގޮސް ފައިސާ ނެގޭނެ. ހަމައެފަދައިން ރާއްޖެއިން ބޭރުގައި ޕާސްޕޯޓް ކާޑުން ވިޔަފާރި ކުރެވޭނެ،" ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާސްޕޯޓު ކާޑުން އިތުރު ޚިދުމަތްތައް ދިނުމަށް އެ އިދާރާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޕާސްޕޯޓު ކާޑު އަދި ބޭނުން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ގައުމުތަކާ މަޝްވަރާކޮށްގެން އެ ގައުމުތަކަށް ދާއިރު ޕާސްޕޯޓުގެ ބަދަލުގައި ޕާސްޕޯޓު ކާޑު ބޭނުންކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

"ދެ ގައުމެއްގެ ދެމެދު ކުރެވޭ ކަންތައްތަކަށް ދުވަސް ނަގާނެ. އެއީކީ އޯވާ ނައިޓަކުން ކުރެވޭނެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން މިދަނީ ބޭރު ގައުމުތަކަށް ފުރާއިރު، އެ ގައުމުތަކުގެ އެއާޕޯޓުގައިވެސް ޕާސްޕޯޓް ކާޑު ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން،" ޚަލީލް ވިދާޅުވިއެވެ.

ހޮސްޕިޓަލްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ޚިދުމަތް ހޯދާއިރު، އައިޑީކާޑްގެ ބަދަލުގައި ޕާސްޕޯޓު ކާޑު ދެއްކުމުން ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާސްޕޯޓު ކާޑަށް އެދޭ ފޯމު އަންނަ އަންގާރަ ދުވަހުން ފެށިގެން ދޫކުރާނެ ކަމަށާއި ޕާސްޕޯޓު ކާޑު ހަދަން 450 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

"ޕާސްޕޯޓު ކާޑު ގެއްލުނަސް އިތުރު ޖޫރިމަނާއެއް ދައްކާކަށް ނުޖެހޭނެ. ހަމައެކަނި ގެއްލިގެން ހައްދާއިރުވެސް ދައްކަންޖެހޭނީ ޕާސްޕޯޓު ކާޑު ހެއްދުމަށް ދައްކަންޖެހޭ 450 ރުފިޔާ،" ޚަލީލް ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ، ޕާސްޕޯޓު ކާޑަކީ ވަރަށް ރައްކާތެރިކަމާއެކު ގެންގުޅެން ޖެހޭ ކާޑެއް ކަމަށެވެ. އެގޮތުން ކާޑުގެ ވެރިފަރާތް ނޫން އެހެންފަރާތަކުން ކާޑު ބޭނުން ނުކުރުމަށާއި، ވެރިފަރާތް ނޫން އެހެން ފަރާތަކަށް ކާޑު ނުދިނުމަށް އިމިގްރޭޝަނުން އިލްތިމާސް ކުރާކަމަށެވެ.

އޭނާ ވިދާޅުވީ، ބައެއް ފަރާތްތަކުގެ ބޭނުންމަށްޓަކައި، ކާޑުގެ ކޮޕީ ނަގައި ހަދަން ޖެހޭ ހާލަތެއްގައިވެސް، ކާޑުގެ ފަހަތް ކޮޕީ ނުނެގުމަށާއި އެފަދަ ހާލަތެއްގައި ވެސް ކޮޕީ ހައްދަން ވާނީ ކާޑުގެ ކުރިމަތި އެކަނި ކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޕާސްޕޯޓު ކާޑު ތައާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

comment ކޮމެންޓް