ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ބަނގާޅު ފުލުހުން ނިންމައިފި

ރައުދާ އާތިފް --

ބަނގްލަދޭޝްގައިި މެޑިސިން ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފް "މަރުވީ" އަމިއްލަ އަށް ދަންޖެހިގެން ކަމަށް ރައުދާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ބަންގްލަދޭޝްގެ ފުލުހުންގެ ޓީމުން ނިންމައިފި އެވެ.

އުމުރުން 21 އަހަރުގެ ރައުދާ ދަންޖެހިފައި ހުއްޓައި ފެނުނީ މި އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު، އޭނާ ދިރިއުޅުނު ކޮޓެރި ތެރެއިންނެވެ.

ބަންގުލާދޭޝްގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ސްޓާ އޮންލައިނާއި ބީޑީ ނިއުސް އިން ބުނީ ރައުދާގެ މަރާ ގުޅިގެން އޭނާގެ ހަށިގަނޑުގެ ދެ އޮޓޮޕްސީއެއް ހެދި ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގާއި އޮޓޮޕްސީ ރިޕޯޓްތަކަށް ބެލުމަށް ފަހު ރައުދާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ނިންމައި ބަނގްލަދޭޝް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ) އިން އިއްޔެ ވަނީ ރާޖްޝާހީ މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓަށް ލިޔުންތައް ހުށަހަޅައިފަ އެވެ.

ބަނގްލަދޭޝް ސީއައިޑީގެ އިންސްޕެކްޓަރަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން ރައުދާ ދަންޖެހިފައި ވަނީ އޭނާގެ ލޯބިވެރިޔާއާ ދެމެދު މައްސަލަތަކެއް ޖެހުމަށް ފަހު އެވެ. ރައުދާ ދަންޖެހިފައި ހުރި ދުވަހުގެ ކުރީ ރޭ ދެ މީހުންގެ ދެމެދުގައި ވާހަކަ ދެކެވުނު ކަމަށް ވެސް ބަންގްލަދޭޝް ފުލުހުން ބުނެ އެވެ. މީގެ އިތުރުން އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ، ރައުދާގެ އެކުވެރިޔާ އަދި ކްލާސްމޭޓް ސީރަތު ޕަރްމީނަށް ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ވެސް ބަނގްލަދޭޝް ފުލުހުން ބުނެ އެވެ.

ރައުދާ މަރުވީ ދަންޖެހިގެން ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

ރައުދާގެ މަރާ ގުޅޭ ޑޮކިއުމެންޓްރީއެއް މި ހަފްތާގެ އާދިއްތަ ދުވަހު އޮސްޓްރޭލިއާގެ ޓީވީ ޗެނަލަކުން ދައްކާފައިވާ އިރު ރައުދާގެ މަރުގައި ޝައްކު ކުރެވޭ ކަންތައް އެބަހުރި ކަމަށް އެ ޑޮކިއުމެންޓްރީގައި ބުނެފައިވެ އެވެ.

ރައުދާ އަކީ ވިލުނޫކުލައިގެ ކަޅީގެ ވެރިޔާގެ ގޮތުގައި މަޝްހޫރުވި މޮޑެލްއެކެވެ. އޭނާ ވަނީ ވޯގް އިންޑިއާގެ ކަވާ ޕޭޖުގައި ވެސް ފީޗާކޮށްފަ އެވެ.

comment ކޮމެންޓް