އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނުން ބަލަނީ

އަބްދުﷲ ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލައިގެ ތަހުގީގެއް ކުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.

އެންއައިސީން ބުނީ، އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން އެކިފަރާތްތަކުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އެތަނުގެ މުވައްޒަފުންނަށް ތުހުމަތުކޮށް އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ، ވަކިފަރާތަކުން މައްސަލަ ހުށަނާޅަނީސް ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެތަންތަނުގެ މުވައްޒަފުން، ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމެއްކޮށްފި ކަމުގެ މައުލޫމާތު ލިބިއްޖެނަމަ ނުވަތަ އެފަދަ އަމަލެއް ހިންގައިފިކަމަށް ޝައްކުވެއްޖެ ނަމަ އަމިއްލަ އިސްނެގުމަށް ހޯދަންޖެހޭ ހޯދުންތައް ހޯދައި ތަހުގީގު ކުރުމަކީ، ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމަށް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެހެން ކަމުން އަބްދުﷲގެ މަރާ ގުޅިގެން ކަރެކްޝަންސްގެ އިހުމާލެއްވޭތޯ ބެލުމަކީ މުހިއްމު ކަމެއް ކަމަށް ކޮމިޝަނަށް ފެންނާތީ އެކަން ތަހުގީގު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ، އެ މައްސަލަ ތަހުގީގު ކުރަން ނިންމީ، އިއްޔެ ބޭއްވި ކޮމިޝަނުގެ މެމްބަރުންގެ ބައްދަލުވުމުގައި ކަމަށާއި، އެ މައްްސަލަ ބަލަނީ އަމިއްލަ އިސްނެގުމަށް ކަމަށެވެ.

އަބްދުﷲ ރަޝީދު މަރުވެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ މަރުގެ މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހުމާލު އޮތްކަމަށް އޭނާގެ އާއިލާ އިން ވަނީ ތުހުމަތުކޮށްފައެވެ.

އާއިލާއިން ބުނީ އަބްދުﷲ ރަޝީދުގެ ބަލިހާލު ބޮޑުވުން ވެސް ފަރުވާ ނުދީ ލަސްކޮށްފައިވާ ކަމަށާއި އެކަމުގައި ކަރެކްޝަންސްގެ އިހުމާލު އެބައޮތް ކަމަށެވެ.

އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ކަރެކްޝަންސް އިން މީގެ ކުރިން ބުނެފައި ވަނީ އެއްވެސް ގައިދީއަކަށް ލިބިދޭން ޖެހޭ ހައްގެއް ލިބުމުގައި ތަފާތުކުރުން ގެންގުޅިފައި ނުވާނެ ކަމަށެވެ.

އެ މައްސަލަ އެންއައިސީން ތަހުގީގު ކުރަން ފަށާފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް އެ މައްސަލަ ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.

comment ކޮމެންޓް