މަލާލާ ޒަމާނީ ހެދުން ލައިގެން އޮކްސްފާޑަށް ދިޔުމުން ފާޑުކިޔުން އަމާޒުވެއްޖެ

މަލާލާ ޔޫސުފްޒާއީ އޮކްސްފޯޑުގައި--

ދުނިޔޭގެ ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސުފް ޒާއީ ޒަމާނީ ހެދުން ލައިގެން އޮކްސްފޯޑަށް ދިޔުމާއެކު ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެއްޖެއެވެ.

ހަށިގަނޑު ނިވާވާ ގޮތަށް، ދޫކޮށް ހުންނަ ޕާކިސްތާން ހެދުން އާންމުކޮށް ލައި އުޅޭ މަލާލާ ޖިންސު ލައިގެން އޮކްސްފޯޑަށް ދިޔުމާއެކު، އެ ފޮޓޯ މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ. މަލާލާގެ ހެދުން އެޅުމަށް އައި ބަދަލަށް ބައެއް މީހުން ތައުރީފު ކުރިއިރު އަނެއް ބަޔަކު ވަނީ މަލާލާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އަދި މިއީ ޕާކިސްތާނުގެ ސަގާފަތަށް ހުރުތު އެރުވުން ކަމަށް ބުނެ މަލާލާއަށް ވަރަށް ގިނަ ބަޔަކު ވަނީ ނުރުހުމުގެ ބަސްތައް އަމާޒު ކޮށްފައެވެ.

މަލާލާއަށް ސަޕޯޓްކުރާ މީހުން ބުނާ ގޮތުގައި އެ މީހަކު ބޭނުންވާ ހެދުމެއްލުމަކީ އެ މީހެއްގެ ހައްގެއް ކަމަށާއި މަލާލާއާ ޖައްސާލައިގެން، ފުރައްސާރަ ކުރަން ނުޖެހޭނެ ކަމަށެވެ.

މަލާލާ ޕާކިސްތާނުގެ ދިރިއުޅުނު ޕްރޮވިންސުގައި ޖިންސު ލައިގެން އަންހެން ކުދިން އުޅުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމަށެވެެ.

ބައިނަލަގްވަމީ ގޮތުން ކިތަންމެ މަޝްހޫރުކަމެއް ލިބިފައި ވިޔަސް އަމިއްލަ ގައުމު ޕާކިސްތާނުގައި މަލާލާއަށް މީގެ ކުރިން ވެސް ވަރަށް ގިނަ ފަރާތްތަކެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

މަލާލާ ވަނީ ތަލިބާނުން ހިންގާ ޓެރެރިޒަމްގެ އަމަލުތަކާާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލައިފައެވެ.

ޕާކިސްތާނުގެ ގިނަބަޔަކު ދެކޭގޮ ތުގައި މަލާލާއަކީ ހުޅަނގުން ގެންގުޅޭ "ޕަޕެޓް" އެކެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާ މަލާލާ ބައްދަލުކުރެއްވުމުން ވެސް އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އޮބާމާގެ ވެރިކަމުގައި ވަނީ ޕާކިސްތާނަށް އެތައް ފަހަރަކު ޑްރޯން ހަމަލާތައް ދީ ކުށެއް ނެތް އެތައް ބަޔަކު މަރައިފައެވެ.

އަންހެންކުދިންނަށް ތައުލީމު ހޯދައިދިނުމަށް މަސައްކަތް ކުރާ މަލަލާ އޮކްސްފޯޑު ޔުނިވާސިޓީގައި ތައުލީމު ހާސިލްކުރަން ފަށާފައި ވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.

އޮކްސްފޯޑުގައި މަލާލާ ކިޔަވަމުން ދަނީ ފިލޯސޮފީ ޕޮލިޓިކްސް އަދި އިކޮނޮމިކްސްގެ ދާއިރާއިންނެވެ.

އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރާތީވެ 2012 ވަނަ އަހަރު ތަލިބާނުން ވަނީ މަލަލާގެ ބޮލަށް ބަޑި ޖަހައި ވަރަށް ޒަހަަމްކޮށްލައިފަ އެވެ. އޭގެ ފަހުން މަލާލާ ދިރިއުޅެމުން ދަނީ އިނގިރޭސިވިލާތުގެ ބާމިންހަމުގައެވެ.

comment ކޮމެންޓް