މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އޭސީސީ އިން 265 މައްސަލަ ނިންމައިފި

2017 ވަނަ އަހަރުގެެ ތިންވަނަ ކުއާޓަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކުގެ އަދަދު 265 އަށް އަރާ - އޭސީސީގެ ތަފާސްހިސާބު ފޮޓޯ/ އޭސީސީ

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކުގެ އަދަދު 265 އަށް އަރާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހަތް މައްސަލައެއް ޝަރީއަތަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިއީ ނިމިދޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 57.74 ޕަސެންޓް އިތުރު އަދަދެއް ކަމަށް އޭސީސީ އިން ބުނެ އެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އޭސީސީ އިން ބަލައި ނިންމާފައި ވަނީ 167 މައްސަލަ ކަމަށް އެ ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކަ އެވެ. އަދި އެ މުއްދަތުގައި ޝަރީއަތަށް ފޮނުވުމަށް ފެންނަ ކަމަށް ނިންމާފައި ވަނީ ދެ މައްސަލަ ކަމަށް އޭސީސީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކަ އެވެ.

މިއަހަރުގެ ފުރަތަމަ ނުވަމަސް ދުވަހުގެ ތެރޭގައި 815 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް ވެސް އޭސީސީ އިން ބުނެ އެވެ.

އޭސީސީ އިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމި 265 މައްސަލައިގެ ތެރެއިން 258 މައްސަލަ އަކީ ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާ މައްސަލަތައް ކަމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ނިންމި މައްސަލަތަކާ ގުޅިގެން 64 އިދާރާއަކަށް އިސްލާހު ކުރުމަށް ޓަކައި 82 އެންގުމެއް އަންގާފައިވާ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.

comment ކޮމެންޓް