މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ދަށުން ލ. އަތޮޅު ބަރެސްދޫގައި ތަރައްގީ ކުރަމުން އަންނަ އިންޓަގްރޭޓެޑް ރިސޯޓަށް އަގު ހެޔޮކޮށް ޓޫރިސްޓުން އުފުލަން ގައުމީ އެއާލައިން މޯލްޑިވިއަންއާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އެމްއައިޓީޑީސީ އިން މިއަދު ބުނީ މޯލްޑިވިއަންއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގައި ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން ވެގެންދާނީ ބަރެސްދުއަށް ޓޫރިސްޓުން ގެންގޮސްދޭ ހާއްސަ ޓްރެވަލް އެއާލައިން ޕާޓްނަރަށް ކަމަށް އެމްއައިޓީޑީސީން ބުންޏެވެ.

ލ. ބަރެސްދޫގެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ނަމޫނާއެއް.
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ މޯލްޑިވިއަންއާ އެކު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެއްފަހަރާ އެތައް ޓޫރިސްޓުންނެއް އެ ރަށަށް ދަތުރުކުރާން ޖެހޭތީ އަގުހެޔޮކޮށް ޓޫރިސްޓުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
އެމްއައިޓީޑީސީ އިން ބުނީ އެ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަންގެ ފްލައިޓްގައި ހެޔޮ އަގުތަކެއްގައި ޓޫރިސްޓުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަރެސްދުއަށް ދަތުރުކުރެވޭނެ ކަމަށެވެ. އެގޮތުން ފަސިންޖަރުންގެ އަތުން ނަގާނެ އަގަކާ މެދު މޯލްޑިވިއަންއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އެމްއައިޓީޑީސީ އިން ބުންޏެވެ. އަދި ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އަގުތައް އިއުލާންކުރެވޭ ވަރުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ލ. ބަރެސްދޫގެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ނަމޫނާއެއް.
އެއްފަހަރާ 3،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރާ ބަރެސްދޫގައި ގެސްޓްހައުސް، ރެސްޓޯރެންޓް އަދި އެނޫން ވެސް ވިޔަފާރިތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25ގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ރާއްޖޭގައި މިހާރު އޮތް "ވަން އައިލެންޑް ވަން ރިސޯޓް' ކޮންސެޕްޓާ ތަފާތުކޮށް "އިންޓަގްރޭޓް ޓޫރިޒަމް" ކޮންސެޕްޓަށް ހަދާ އެ ރިސޯޓް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއައިޓީޑީސީން ބުންޏެވެ.