ކުރިން ރާއްޖެއައި ތިން އެއާލައިނަކާއި އާ ދެ އެއާލައިނެއްގެ ދަތުރުތަށް ފަށަނީ

އަންނަ މަހުގެ ދެވަނަ ދުވަހު ދަތުރުތަށް ފަށަން ހަމަޖެހިފައިވާ އެއާ ފްރާންސްގެ ފްލައިޓެއް --

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން އަންނަ ދުވަސްވަރާ ދިމާކޮށް، ކުރިން ޗާޓަރުކޮށް ދަތުރުކުރި ތިން އެއާލައިނެއްގެ ޝެޑިއުލް ދަތުރުތަށް ފަށައި، މުޅިން އާ ދެ އެއާލައިނެއްގެ ދަތުރުތަށް ފަށަން ނިންމައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް "ސަން" އަށް ވިދާޅުވީ، އަލަށް ދަތުރުތަށް ފަށަން ހަމަޖެހިފައިވަނީ އިންޑިއާގެ ގޯ އެއާ އާއި ފްރާންސްގެ އެއާ ފްރާންސް ކަމަށެވެ.

ހަސަން ވިދާޅުވީ، އެއާބަސް 320 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން 180 ފަސިންޖަރުންގެ ކެޕޭސިޓީއާއެކު ގޯ އެއާއިން ދަތުރުކުރާނީ އިންޑިއާގެ މުމްބާއީން ކަމަށެވެ. އަދި އެ ދަތުރުތަށް ފަށަން ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު، ހަފްތާއަކު ކޮންމެ ދުވަހަކު ކަމަށް އޭނާ ވިދާޅުވިއެވެ.

ފްރާންސްގެ ޗާލްސް ޑިގޯލް އެއާޕޯޓުން ރާއްޖެއަށް، އަންނަ މަހުގެ ދެވަނަ ދުވަހު ދަތުރުތައް ފަށަން ހަމަޖެހިފައިވާ އެއާ ފްރާންސް އަކީ ބޮއިން 772 މަރުކާގެ 252 ފަސިންޖަރުންގެ ކެޕޭސިޓީގެ މަތިންދާ ބޯޓެއް ކަމަށް ހަސަން ވިދާޅުވިއެވެ. އަދި އެ ފްލައިޓް ދަތުރުކުރަން ހަމަޖެހިފައިވަނީ ހަފްތާއަކު ދެދުވަހު ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، އަލަށް ދަތުރުތަށް ފަށާ ދެެ އެއާލައިންގެ އިތުރުން ކުރިން ރާއްޖެއަށް ޗާޓަރ ދަތުރުތަށް ކުރަމުން އައި އިޓަލީގެ އަލިޓާލިއާ، ޗައިނާގެ ޝެންޒިން އިން އަންނަ ހައިނާން، އަދި ހޮންކޮގް އިން ހޮންކޮންގް އެއާލައިންގެ ޝެޑިއުލް ދަތުރުތަށް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އަލިޓާލިއާއިން މި މަހުގެ 29 ން ފެށިގެން ޝެޑިއުލް ދަތުރުތަކެއް ކުރަން ފަށާއިރު، ހައިނާން އެއާލައިން އިން ޑިސެމްބަރު 27 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ދެ ދަތުރުކުރަން ނިންމާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި ހޮންކޮންގް އެއާލައިނުން ވެސް އަންނަ ޖެނުއަރީ 16 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ދުވަހު ދަތުރުކުރަން ނިންމާފައިވާ ކަމަށްވެސްް އޭނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް ފްލައިޓް އޮޕަރޭޝަންތަކަށް ބަދަލު އައިސް ރާއްޖެ އަންނަ އެއާލައިންތައް އިތުރުވެ އެވެ.

comment ކޮމެންޓް