ތިން ރަށެއްގައި 300 ހައުސިން ޔުނިޓް އަޅަން ބީލަމަށް ލައިފި

ކުޅުދުއްފުށީގައި ސަރުކާރުން އަޅާފައިވާ ހައުސިން ޔުނިޓްތައް -- ފައިލް ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

ސަރުކާރުގެ ހައުސިން ސުކީމުގެ ދަށުން ޅ. ހިންނަވަރާއި އެ އަތޮޅު ނައިފަރު އަދި ސ. ފޭދޫގައި 300 ހައުސިން ޔުނިޓް އަޅަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ސަރުކާރުގެ ސޯޝަލް ހައުސިން ސުކީމުގެ ދަށުން އެ ތިން ރަށުގައި ގާއިމްކުރާ ހައުސިން ޔުނިޓްތައް ޑިޒައިން، ބިލްޑު އަދި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އަދި އެ ތިން ރަށުގައި ވެސް އަޅާނީ ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް ކަމަށް ބުނެފައިވެ އެވެ.

އެ ހައުސިން ޔުނިޓްތައް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދައުވަތު ރާއްޖެއާއި ބޭރުން އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ އިރު، ބީލަން ހުށަހަޅަން ހަމަޖެހިފައި ވަނީ ތިން ލޮޓަކަށް ބަހާލައިގެންނެވެ.

އަދި ބީލަން ހުށަހަޅާ އިރު ވަކިވަކި ލޮޓަކަށް ނުވަތަ ހުރިހާ ލޮޓަކަށް ވެސް އަގު ހުށަހެޅޭއިރު ކޮންމެ ލޮޓަކަށް ވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި 250000 ރުފިޔާ ދައްކަންޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން ހައުސިން ޔުނިޓްތައް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އަދި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ފީއެއް ދައްކަންޖެހޭ އިރު މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހަށް ފީ ބަލައިގަންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ބީލަން ހުޅުވާނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގެ ޖަލްސާކުރާ މާލަމުގަ އެވެ.

comment ކޮމެންޓް