200 މީޓަރު ދުވުން ވެސް ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ސާއިދު ކާމިޔާބުކޮށްފި

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު: އޭނާ ވަނީ ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު އަދި 200 މީޓަރު ދުވުން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކޮށްފައި --- ސަން ފައިލް ފޮޓޯ: އިމޭޖަސް އެމްވީ/ ހުސެއިން ސިނާން

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުން ވެސް ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ކާމިޔާބުކޮށްފިއެވެ.

ކުޅިވަރު އެކުވެނި ޓްރެކްގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ މުބާރާތުގެ 200 މީޓަރު ދުވުމުގެ އިތުރުން 100 މީޓަރު ދުވުން ވެސް ދިވެހި ސިފައިންގެ ކްލަބުގެ ސާއިދު ވަނީ ވިދިވިދިގެން ހަތަރު ފަހަރު ހޯދައިފައެވެ.

އެ މުބާރާތުގެ 200 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގައި ސާއިދު ވާދަކުރި ހީޓް ދޭއްގެ ދުވުން އޭނާ ނިންމާލީ 29.61 ސިކުންތުންނެވެ. ހަމަޖެހިލާފައި އެންމެ ފުލުގައި ސާއިދު ރޭސް ނިންމާލީ ފައިނަލަށް ދާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތުމުންނެވެ. ހީޓް އެކެއްގައި އައިލެންޑް ރަނާސް މޯލްޑިވްސްގެ ހަސަން ފައިހަތު ގުދުރަތުﷲ ވާދަނުކުރުމުން ޕްރިލިމިނަރީ ބުރުގައި ބައިވެރިވި ހުރިހާ ދުވުންތެރިންނަށް ފައިނަލުގެ ޖާގަ ލިބިގެންދިޔައެވެ.

ފައިނަލުގައި ވާދަކޮށް ސާއިދު އެއްވަނަ ހޯދީ 23.16 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. ދެވަނަ ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ މުހައްމަދު މުނާޒް އަލީ 23.95 ސިކުންތުން ރޭސް ފުރިހަމަކުރި އިރު، ތިންވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބުގެ ހުސައިން ރިޒާ ރޭސް ފުރިހަމަކުރީ 24.30 ސިކުންތުންނެވެ.

އެ މުބާރާތުގެ 100 މީޓަރު ދުވުމެކޭ އެއްގޮތަށް މިއަހަރުގެ އިތުރުން ސާއިދު ވަނީ 2016، 2015 އަދި 2014 ވަނަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުމުގެ އެއްވަނަ ހޯދައިފައެވެ. އެ އިވެންޓުގެ ގައުމީ ރެކޯޑު ވެސް އޮންނަ ދުވުންތެރިޔާއަކީ އޭނާއެވެ. މިދިޔަ އަހަރު ބޭއްވި އިންޑިއަން ގްރޯން ޕްރީގައި ވާދަކޮށް، 200 މީޓަރު ދުވުމުގެ ރެކޯޑް ސާއިދު ގާއިމްކޮށްފައިވަނީ 20.75 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އެ ދުވުމުގެ ރިހި މެޑެލް ވެސް ހޯދީ ސާއިދުއެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގެ 100 މީޓަރު ދުވުމުގެ އިތުރުން ސާއިދު ވަނީ 200 މީޓަރު ދުވުމުގައި ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާގައި ކުރިއަށްދިޔަ ސައުތު އޭސިއަން ގޭމްސްގެ 200 މީޓަރު ދުވުމުން ސާއިދު ވަނީ ދެވަނަ ހޯދައިފައެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ އެއްވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މިރުފަތު އަހްމަދެވެ. އެ ދުވުން މިރުފަތު ފުރިހަމަ ކޮށްފައިވަނީ 29.49 ސިކުންތުންނެވެ. ދެވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަރީން އަލީ ޝަރީފް 29.63 ސިކުންތުން ރޭސް ފުރިހަމަކުރި އިރު، ތިންވަނަ ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ އައިޝަތު ޝަބާ ރޭސް ފުރިހަމަކުރީ 30.55 ސިކުންތުންނެވެ.

ފިރިހެނުންގެ 800 މީޓަރު ދުވުމަށް ބަލައިލާއިރު، އެ ދުވުމުގެ އެއްވަނަ ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސްގެ ސޮމް ބަހާދުރް ކުމާރެވެ. އޭނާ ރޭސް ފުރިހަމަކުރީ އެއް މިނެޓާއި 59.01 ސިކުންތުންނެވެ. ދެވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބުގެ އަހްމަދު ހަސަން ދެ މިނެޓާއި 2.75 ސިކުންތުން ރޭސް ފުރިހަމަކުރި އިރު، ތިންވަނަ ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ ހަސަން ފައިހަތު ގުދުރަތުﷲ ރޭސް ފުރިހަމަކުރީ ދެ މިނެޓާއި 4.40 ސިކުންތުންނެވެ.

އެ މުބާރާތުގެ 10،000 މީޓަރު ދުވުމުގެ އެއްވަނަ ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސްގެ ލާލް ބަހާދުރް ތަޕާއެވެ. އޭނާ ރޭސް ފުރިހަމަކުރީ 33 މިނެޓާއި 48.60 ސިކުންތުންނެވެ. ދެވަނަ ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ ޒައިދު ޝަރީފް 35 މިނެޓާއި 1.70 ސިކުންތުން ރޭސް ފުރިހަމަކުރި އިރު، ތިންވަނަ ހޯދި އެ އިވެންޓުގެ ގައުމީ ރެކޯޑު އޮންނަ ދިވެހި ސިފައިންގެ ކްލަބުގެ ހުސައިން ފަޒީލް ހާރޫނެވެ. އޭނާ ރޭސް ފުރިހަމަކުރީ 36 މިނެޓާއި 28.19 ސިކުންތުންނެވެ. ޑރ. ހުސައިން ހަލީމް (ކުޑަހުސެން) 1989 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގާއިމްކުރި 10،000 މީޓަރު ދުވުމުގެ ރެކޯޑު، ފަޒީލް މުގުރާލީ މިއަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ދުވެ، 34 މިނެޓާއި 21.60 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

comment ކޮމެންޓް