ލަންކާ ކުއްޖާ ޒަޚަމްވީ ދިވެހި ކުދިން ހިންގި މާރާމާރީ ހުއްޓުވަން އުޅުމުގެ ތެރޭގައި: މުންދު

ދެހިވަލަ : ސްރީލަންކާ

އިއްޔެ ހަވީރު ސްރީލަންކާގެ ދެހިވަލަ އަވަށުގެ ޑޭބްރިޖް ސްކޫލް ކައިރީ ދިވެހި ދަރިވަރުންތަކެއް ހިންގި މާރާމާރީ ގައި ލަންކާގެ ދަރިވަރަކު ޒަޚަމްވެފައިވަނީ އެ މާރާމާރީ ހުއްޓުވުމަށް މަސައްކަތް ކުރަނިކޮށްކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

މުންދު މިއަދު "ސަން" އަށް ވިދާޅުވީ އެ މާރާމާރީގައި ޒަޚަމްވި ލަންކާ ދަރިވަރަކީ ދިވެހި ދަރިވަރުންނާ އެއް ސުކޫލެއްގައި ކިޔަވަމުން އައި އެ ސުކޫލްގެ ހެޑް ޕްރިފެކްޓް ކަމަށެވެ.

މުންދު ވިދާޅުވީ ދިވެހި ދަރިވަރުންގެ މެދުގައި ހިތްހަމަނުޖެހުމެއް އޮންނަތާ ދުވަސްކޮޅެއް ވެޖެކަމަށާއި އިއްޔެގެ މާރާމާރީ ހިންގި ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ އެންމެ ބޮޑަށް ޒަޚަމްވި ކުއްޖާގެ މަންމަ ފޯނުކޮށް ކިޔައިދިމުން ކަމަށެވެ.

އަނިޔާ ލިބުނު ހުރިހާ ކުދިންނަކީވެސް 18 އަހަރުން ދަށުގެ ކުދިން ކަމަށާއި ސީރިއަސް ޒަޚަމްތަކެއް ލިބުނު ކުއްޖާގެ އުމުރަކީ 15 އަހަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެންމެ ބޮޑަށް ޒަޚަމްވި ކުއްޖާގެ ހާލު މިހާރު ރަނގަޅު. އެކުއްޖާގެ ބުރަކަށީގައި ޒަޚަމްވެފައިވާތަން ފެހުމަށްފަހު މިއަދު ވޯޑަށް ނެރޭނެ،" މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެ މާރާމާރީގައި ބައިވެރިވި ހަތަރު ކުއްޖަކު މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭގެތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކުދިން ވެސް ހިމެނެއެވެ.

އެ މާރާމާރީއާ ގުޅިގެން އިތުރު ކުދިންތަކެއް ފުލުހުން ހޯދަމުން އަންނައިރު، އޭގެތެރޭގައި ލަންކާގެ ކުދިން ވެސް ހިމެނެއެވެ.

"ފިލައިގެން އުޅޭ ކުދިން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން. އޭގެތެރެއިން ދެކުއްޖަކު އަމިއްލަޔަށް ފުލުހުންނާ ހަވާލުވާން ބޭނުންވެ ފުލުހުންނަށް ގުޅާފައިވާ ކަމުގެ މައުލޫމާތު އަޅުގަނޑަށް ވަނީ ވަނީ ލިބިފައި. މިހާރު އަޅުގަނޑަށް ގަބޫލުކުރެވެނީ އެކުދިން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ހެން،" މުންދު ވިދާޅުވިއެވެ.

އެ މާރާމާރީގައި ބައިވެރިވި ދިވެހި ކުދިންގެ މައިބަފައިންނާ މިއަދު ހަވިރުގެ ވަގުތެއްގައި ބައްދަލުކުރައްވާނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ. އަދި އެ މާރާމާރީއާ ގުޅިގެން ލަންކާގެ ފުލުހުން އަމަލުކުރަމުންދާގޮތް އެމްބަސީގެ ބޭފުޅުން ގާތުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް