ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ސާއިދު 100 މީޓަރު ދުވުން ކާމިޔާބުކޮށްފި

ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ އެއްވަނަ ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު --- ފައިލް ފޮޓޯ/ ރިއޯ2016

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ގައުމީ އެތުލެޓިކްސް މުބާރާތުގައި ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު 100 މީޓަރު ދުވުން ކާމިޔާބުކޮށްފިއެވެ.

ކުޅިވަރު އެކުވެނި ޓްރެކްގައި އިއްޔެ ފެށި 27 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބުގެ ސާއިދު ވާދަކޮށްފައިވަނީ ހީޓް އެކެއްގެ އެއްވަނައިގެ ގޮތުގައެވެ. ސާއިދު ދުވި ހީޓުގެ އެއްވަނަ އޭނާ ހޯދީ 11.44 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

ސާއިދުއާއެކު ޖުމްލަ ހަތް ދުވުންތެރިން ފައިނަލުގައި ވާދަކުރިއެވެ. ފައިނަލުގައި ވާދަކޮށް ސާއިދު އެއްވަނަ ހޯދީ 11.18 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. ސާއިދުގެ ފަހަތުން ދެވަނަ ހޯދީ 11.42 ސިކުންތުން ރޭސް ފުރިހަމަކުރި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޝަރީޝް އަހްމަދެވެ. އަދި ތިންވަނަ ހޯދީ 11.68 ސިކުންތުން ރޭސް ފުރިހަމަކުރި އައިލެންޑް ރަނާސް މޯލްޑިވްސްގެ މުހައްމަދު މުނާޒް އަލީއެވެ.

މިއަހަރުގެ އިތުރުން ސާއިދު ވަނީ 2016، 2015 އަދި 2014 ވަނަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ އެއްވަނަ ހޯދައިފައެވެ. އެ އިވެންޓުގައި ގައުމީ ރެކޯޑު އޮންނަ ދުވުންތެރިޔާއަކީ ވެސް އޭނާއެވެ. މިދިޔަ އަހަރު ބޭއްވި ޓްރެކް އެންޑް ފީލްޑް މީޓިންގައި ވާދަކޮށް، 100 މީޓަރު ދުވުމުގެ ރެކޯޑް ސާއިދު ގާއިމްކޮށްފައިވަނީ 10.33 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

ސާއިދުއަކީ ސަރަހައްދީ ދުވުންތަކުގައި ވެސް 100 މީޓަރު ދުވުމުން ރަން ވަނަތައް ހޯދަމުން އަންނަ އެތުލީޓެކެވެ. ސާއިދު ވަނީ މީގެ ކުރިން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުން އަދި މިއަހަރު ބޭއްވި މެލޭޝިއަން އެތުލެޓިކްސް އޯޕަންގެ 100 މީޓަރު ދުވުމުން ރަން މެޑެއްޔެއް ހޯދައިފައެވެ.

އޭގެ އިތުރުން ސާއިދު ވަނީ މިއަހަރުގެ ޖުލައި މަހު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ ހަތަރުވަނަ މަގާމު ވެސް ހޯދައިފައެވެ.

comment ކޮމެންޓް