ތިން ދިވެހިންނާއެކު ޅ. ހިންނަވަރުން ފުރައިގެން ނ. މިލަދޫއަށް ދަތުރުކުރަނިކޮށް ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ އެވެ.
ރޭ ފަތިހު ފުރައިގެން މިލަދޫއަށް ދަތުރު ފެށި 18 ފޫޓުގެ އެ ޑިންގީ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 11:17 ގައެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މިލަންދޫގެ އިރުމަތިން 30 ނޯޓިކަލް ބޭރުން އޮޔާދަނިކޮށް އެ ޑިންގީ ފެނިފައި ވަނީ އުޅަނދު ހޯދަން ނުކުމެ އުޅުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ހާބާރ ކުރާފްޓް ލޯންޗަކަށް ކަމަށެވެ.
ޑިންގީ ފެނުނުއިރު އޭގައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އާޒިމް ވިދާޅުވިއެވެ.
ޑިންގީގައި ތިބި މީހުންނާ ހަވާލާދީ އެމްއެންޑީއެފުން ބުނީ، ޑިންގީ ބެހިގެން ދިޔައީ މޫސުން ގޯސްވެ ދަތުރުކުރި މިސްރާބު އޮޅި އަދި ޑިންގީ ޕެޓްރޯލް ހުސްވެގެން ކަމަށެވެ. އަދި ޑިންގީ މިހާރު މަނަދޫ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.