ނަފްސު ވިއްކާ ނުލުމަށް ޑިފެންސް މިނިސްޓަރު ސިފައިންނަށް އިލްތިމާސްކުރައްވައިފި

ޑިފެންސް މިނިސްޓަރު ސިފައިންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އެމްއެންޑީއެފް

މި އަންނަ އަހަރު ރިޔާސީ އިންތިޚާބާ ގުޅިގެން ގައުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އެ އޮއިވަރުގައި ޖެހި އަމިއްލަ ނަފްސު ވިއްކާ ނުލުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ސިފައިންނަށް އިލްތިމާސް ކުރައްވައިފި އެވެ.

ރޭ ކަޅުތުއްކަލާކޮށީގައި ސިފައިންނާ ބައްދަލުކުރައްވައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ރިޔާސީ އިންތިހާބު ރާއްޖޭގައި އޮންނާނެ ކަމަށެވެ. އަދި މިހާރުވެސް އިންތިހާބުގެ އޮއިވަރު ހިނގަން ފަށާފައިވާ ކަމަށާއި، އެހެން ކަމުން އަންނަ އަހަރު ތަފާތު އޮއިވަރުތައް ޖެހެމުންދާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެ އޮއިވަރުތަކުގައި ޖެހި ބެހިގެން ނުދިއުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު މިރޭ ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން އޮތް ވާހަކައަކީ، ސިޔާސީ އޮއިވަރުގައި ޖެހިގެން ތިޔަ ބޭފުޅުން އެއް ގޮތަކަށް ވެސް ބެހިގެން ދާނެ ގޮތަކަށް ތިޔަ ބޭފުޅުންގެ އަމިއްލަ ނަފްސު ވިއްކަވާ ނުލައްވައްޗޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ، ސިފައިންނަށް ލިބިފައިވާ ތަރުބިއްޔަތާއި ތަމްރީންގެ ބޭނުން ކޮށް، ސިފައިންގެ ޔުނީފޯމަށް އިހްތިރާމް ކުރެއްވުމަށް ގޮވާލައްވައިފަ އެވެ. އަދި ސިފައިންނަށް ވުރެ ބޮޑަށް ގައުމުދެކެ ލޯބިވާނެ ބައެއް ގައުމުގައި ނުތިބޭނެ ކަމަށާއި މާޒީގައި ވެސް އެންމެ ބޮޑު ގުރުބާނީއެއް ވެފައި ވަނީ ސިފައިން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ސިފައިންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

"މި ގައުމަށް ޓަކައި، އެންމެ ބޮޑު ގުރުބާނެއް މާޒީގައި ވެސް ވެފައި އޮތީ، ކުރިއަށް އޮތްތަނުގައި ވެސް ވާންތިބީ ދިވެހި ސިފައިން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ވަނީ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ޓަކައި ޒިންމާދާރުކަމާ އެކު މަސައްކަތް ކޮށްދިނުމަށް ސިފައިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ސިފައިންނަށް އަޅަމުންދާ ސިފްކޯ ފްލެެޓްތަކުގެ މަސައްކަތް އަންނަ އަހަރު ނިންމައި، ފްލެޓަށް ބަދަލުވެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ފްލެޓްގެ މަސައްކަތަށް ފައިސާގެ ގޮންޖެހުންތަކެއް ހުރި ކަމަށާއި އެ ގޮންޖެހުންތައް ސަރުކާރުން ހައްލުކުރާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް